ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު އިދާރާތަކަށް ހުށަހަޅަން ޕީޕީއެމުން ނިންމައިފި އެވެ.
ލީކުވެ ދައުރުވާ އޯޑިއޯއާއި ހަވާލާދެއްވާ ޕީޕީއެމްގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައި ވަނީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށް އެ އޯޑިއޯއިން ސާބިތުވާ ކަމަށެވެ. ފާއިޒް އަމިއްލަފުޅަށް ރައްޓެއްސަކަށް އެ ވާހަކަތައް ކިޔައިދީ، އެއީ މަޖުބޫރުން ކުރި ހުކުމެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އޯޑިއޯގައި ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އެ ހުކުމް އިއްވާފައި ވަނީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށާއި އޭނާ ރަހީނު ނުކުރި ނަމަވެސް "އަނބިމީހާ ވެސް ރަހީނު ކުރެވޭނެ ނޫންތޯ" އޭ ފާއިޒް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި އޯޑިއޯގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކަށް ޕީޕީއެމުން ހުށަހަޅާނެ އެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވެސް އެ މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅާނެ އެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުން ދިޔައިރު ފުރަތަމަ މައްސަލަ ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރީ އެވެ.