ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާއިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ހާއްސަ މަންދޫބު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެގޮތުން ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ އެވެ.
ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސައުދީ މަންދޫބާ އެކު މާދަމާ ރަސްމީ މަޝްވަރާތައް ފަށާނެ ކަމަށެވެ. ސައުދީން ވަޑައިގަންނަވާ ހާއްސަ މަންދޫބަކީ ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މަބްރޫކް މިއަދު އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
މާދަމާ ފަށާ މަޝްވަރާގެ މައިގަނޑު ބޭނުމަކީ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.
ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ. ފަހުން ބުނީ މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ބުނެފައި ވެއެވެ.
ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.