ޖޭއެސްސީ

ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން: ފަނޑިޔާރުން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާ އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ވިދާޅުވެއްޖެ އެވެ.

ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.

އޯޑިއޯ އާންމުވުމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ.

އެ ކޮމިޝަނުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓްގެ ފަނޑިޔާރު އަލީ އާދަމް އަދި ޑްރަގް ކޯޓްގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާ އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަ އެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ކަމަށްވާ އަލީ ރަޝީދު ހުސައިން އާއި އަހުމަދު ޝަކީލްއާވެސް ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް އެ ދެ ފަނޑިޔާރުންވެސް ދޮގުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނީ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި އެ ކޮމިޝަނުން އެދިފައިވާ ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް ތިން ފަނޑިޔާރުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އަދިވެސް މައްސަލައާ ގުޅިގެން ބަަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ބުނެފައެވެ.