ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަނީ

Jul 7, 2022

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާއާ އެކު ޖުމްލަ 48،300 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ 10 ގާޒީންނެވެ. ނަމަވެސް އެ ކޯޓުގެ ގާޒީއެއްގެ ގޮތުގައި މިވަގުތު ހުންނެވި ދީބާނާޒް ފަހްމީ ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އަންނަ މަހުގެ ނުވަވަނަ ދުވަހު ދީބާނާޒް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމާ އެކު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކަށް މަދުވާނެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބޭފުޅަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެ ކޯޓުގައި ނުނިމި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފައިވާ ވަގުތެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީވެސް ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމަން އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ފާސްކޮށްފަ އެވެ.