ކްރިމިނަލް ކޯޓް

ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް ފަނޑިޔާރުން އެއްބަސްވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން ފަށާފައިވާ ތަހުގީގަށް އޯޑިއޯ ސާމްޕަލް ދިނުމަށް ތިން ފަނޑިޔާރުންވެސް އެއްބަސްވެފައިވާ ކަމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓްގެ ފަނޑިޔާރު އަލީ އާދަމް އަދި ޑްރަގް ކޯޓްގެ ފަނޑިޔާރު މުހައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާ އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަ އެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ކަމަށްވާ އަލީ ރަޝީދު ހުސައިން އާއި އަހުމަދު ޝަކީލްއާވެސް ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް އެ ދެ ފަނޑިޔާރުންވެސް ދޮގުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނީ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި އެ ކޮމިޝަނުން އެދިފައިވާ ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް ތިން ފަނޑިޔާރުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އަދިވެސް މައްސަލައާ ގުޅިގެން ބަަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ބުނެފައެވެ.