ހަބަރު

ހައިލަމް ސަސްޕެންޑްކޮށް، ޔާމީންގެ ޝަރީއަތް ކެންސަލް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ މިއަދު ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގަ އެވެ. އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.

ހައިލަމް ސަސްޕެންޑްކުރިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުން ވަނީ މާދަމާއަށް ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމެވެ. އެ ޝަރީއަތް މިހާރު ވަނީ ކެންސަލްކޮށްފަ ކަމަށް ކުރިމިނަލް ކޯޓުން މައުލޫމާތު ދިނެވެ.

ޖޭއެސްސީގެ މިއަދުގެ ބަައްދަލުވުމަށް ހައިލަމް ހާޒިރުވުމަށް އެންގި އެވެ. ނަމަވެސް ޖޭއެސްސީއިން ބުނީ ހައިލަމް މިއަދުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާ ކަމަށެވެ. އޭނާ ހާޒިރުވާން އުޒުރުވެރިވެ ދެއްކެވި ސަބަބަކީ ގަބޫލު ކުރެވޭ ފަދަ ސަބަބެއް ނޫން ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ.

އެހެންވެ، ރޭ ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ އެ މައްސަލާގައި ހައިލަމް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ބަލައި، އެއީ އޭނާގެ ބަސް ތަހުގީގަށް ހޯދުނީ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. މައްސަލައާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީ ކަމަށެވެ. ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

އެކަމާ ގުޅިގެން ޒާގީ ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ފޮޓޯ ބޭނުން ކުރީ އޭގައި ބާޣީ ލުތުފީ ހުރުމުން ކަމަށެވެ. ބާޣީ ލުތުފީގެ އިތުރަށް ދެން އެ ކުރެހުމުގައި ތިބީ ކޮންބައެއްތޯ ބެލުމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވާ ކަމަށެވެ.

"ގުރޫޕަށް އެ ފޮޓޯ ލީއިރު ރައީސް އާއި ރައީސް ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރި ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވޭ، އެ ފޮޓޯގައި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް އަޅުގަނޑަށް ވިސްނާލެވިފައެއް ވެސް ނުވޭ، އެކަމަށްޓަކައި ރައީސް އާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހައިލަމް ވިދާޅުވި އެވެ.

ހައިލަމްގެ މި މައްސަލާގައި މިއަދާއި އިއްޔެ ވެސް ރައްޔިތުންގެ މަޖިލިސް ހޫނުވި އެވެ. އެ ބަހުސް ހޫނުވެފައިވަނިކޮށް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ "ކުރިމިނަލް ކޯޓުގެ ހައިލަމް އެ ވަނީ ދެ މިލިއަން ޑޮލަރު ނަގާފަ، ހުކުމް ނުޖެހުމަށް،" ކަމަށެވެ. ނިހާދު ވިދާޅުވީ އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ނިހާދު އެ ވާހަކަތައް ދައްކަވަމުން ގެންދެވި އިދިކޮޅު މެންބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒު ކުރިމަތީގައި އެތުރި އެވެ. އިދިކޮޅު މެންބަރެއް ކަމަށްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އެއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.