ހަބަރު

ސީމެގްގެ އެޖެންޑާގައި ރާއްޖެ މިފަހަރު ވެސް ނުހިމެނި

Nov 25, 2015
9

ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރި މައްސަލައިގައި ކޮމަންވެލްތްގެ ސީމެގްގެ އެޖެންޑާގައި ރާއްޖެ އާ މެދު މަޝްވަރާކޮށް އެ ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް މިއަދު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖޭގައި އިމަޖެންސީ އިއުލާން ކުރި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާދިން މައްސަލަގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމާ ގުޅޭ މައުލޫމާތުގެ ކޮމަންވެލްތްގެ ގައުމުގެ ތަކުގެ ހާރިޖީ ވަޒީރުން ހިމެނޭ، ސީމެގްގެ ގްރޫޕަށް ރާއްޖެއިން މިއަދު ދީފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މޯލްޓާގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވި ފޮރިން ސެކްރެޓަރީ އަލީ ނަސީރު އެ ބައްދަލުވުމުގައި ސްޓޭޓް އޮފް އެމަޖަންސީ އިއުލާން ކުރަން ޖެހުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތިޔާރު ފެނުމާއި އެފަދަ ބައެއް ތަކެތި އާންމުންގެ އަތުގައި ހުރުމުން ގައުމަށް ނުރައްކާތެރި ކަމެއް ކުރިމަތިވެދާނެތީ ސަލާމަތީ ބާރުތަކުގެ އެދުމުގެ މަތިން ކަމަށް ވިދާޅުވެ ދެއްވި އެވެ. އަދި ނައިބު ރައީސް މަގާމުން ދުރުކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އިމަޖެންސީއަށް ހަ ދުވަސް ވީ ތަނުން، އެ ހާލަތު ރައީސް އުވާލެއްވީ ގައުމުތަކުގެ ގޮވާލުންތަކާއި، ސަލާމަތީ ބާރުތަކުގެ ލަފާ އެގޮތަށް ލިބުމުން ކަމަށް އަލީ ނަސީރު ދެންނެވި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ސީމެގަކީ ކޮމަންވެލްތްގެ ގައުމުތަކުގައި އެ ގްރޫޕްގެ އުސޫލުތަކާ ހިލާފަށް ހިނގާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ލަފާދޭ ގްރޫޕޭކެވެ. ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމެއް އެ ގްރޫޕްގެ ބައްދަލުވުންތަކުން ސަސްޕެންޑް ކޮށް، އެ ގައުމެއްގެ ހާލަތު ބަލައި ފިޔަވަޅު އަޅަ އެވެ. ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް ހުކުމް ކުރި މައްސަލައިގައި ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ވެރިކަން ވެއްޓުމާ ގުޅިގެން ރާއްޖެ ސީމެގްގެ އެޖެންޑާގައި މީގެ ކުރިން ހިމަނައި މައްސަލަ ބަލާފައިވެ އެވެ.