ފިއްލަދޫ

ދައްޕަރު ވަކިކުރި މައްސަލަ މަޖިލީހުން ތަހުގީގުކުރަން ގޮވާލައިފި

ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކުރި މައްސަލަ މަޖިލީހުން ބަލަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި މެމްބަރު ޝިޔާމް ވިދާޅުވީ ދައްޕަރު ވަކިކުރި މައްސަލަ އަކީ ރާއްޖޭގެ އިސްތިގުލާލާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ވަކިކޮށް އިންޑިއާ ބަޔަކަށް ދިއުން މަޖިލީހުން ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބޭރުގެ ބަޔަކު ބޭނުންހާ ކަމެއް ކުރަން ރާއްޖޭގެ ރަށެެއް ދިނުމުގެ ހައްގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ނޯންނާނެ ކަމަށެވެ.

"މިއީ ބިރުވެރިކަމެއް. އަޅުގަނޑުމެންނަށް އެބަ ފެނޭ މިގައުމުގެ މާދަމާގެ ދުވަސްތައް އަނދިރިވަމުންދާ މިންވަރު. ރާއްޖޭގެ ރަށްތައް ރާއްޖޭގެ ބިންތައް ފޮތިފޮތިކޮށް ބޭރުގެ ގައުމުތަކަށް ވަކި ގައުމުތަކަށް ދެމުންދާތައް އެބަ ފެނޭ. އަޅުގަނޑުމެންގެ މާދަމާގެ ދަރިންނަށް މިގައުމު ހަވާލުކުރެވޭނެ އެއްވެސް ޔަގީންކަމެއް ނެތް." ޝިޔާމް ވިދާޅުވި އެވެ.

ދައްޕަރު، ފިއްލަދޫ އިދާރާގެ އިހުތިސޯސުން ވަކިކޮށްފައިވާތީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމްޑީޕީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް ކަަމަށް ބުނެ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތައް ބާރުވެރިކުރުމަށް އެ ޕާޓީން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަން ސައީދު ފާހަގަކުރެއްވި އެވެ.

"ރައީސް މިކަން ކުރެއްވި ގޮތަކީ ރަށުގެ [ފިއްލަދޫ]ގެ ރައްޔިތުންނަށްވެސް އަންގާ ނުލައި ފިއްލަދޫގެ އެއް އަވަށް ހޯއްދެވީ. ރަށުގެ މިހާރު ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއްވެސް އެބަހުރި ހިތް ނުތަނަވަސްކަން އުފެދިގެން އެދިޔައީ." ސައީދު ވިދާޅުވި އެވެ.

ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފައި ވަނީ ފިއްލަދޫ ކައުންސިލާ މަޝްވަރާ ކުރުމަކާ ނުލައި ކަމަށް އެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އަދި ދައްޕަރު ފިއްލަދޫގެ އިހުތިސޯސުން ވަކިކުރި ސަބަބެއް ސަރުކާރުން ނުވަތަ ކަމާގުޅޭ އެހެން އިދާރާއަކުންވެސް ކައުންސިލަށް އަންގާފައި ނުވާ ކަމަށާއި މިފަދަ ނިންމުމެއް ނިންމާއިރު ކައުންސިލާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކައުންސިލުން ބުނެ އެވެ.

ދެހާސް ދިހަވަނަ އަހަރު ދައްޕަރަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރި އެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން މާޗް 18، 2020 ގައި ރައީސް އިބްރާހިމް ސޯލިހު ވަނީ ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމަނާފަ އެވެ