މޯލްޑިވްސް ޕޮލިސް ސާވިސް

ރިހިވެލި ރިސޯޓަށް އެރުމުން ހަމަނުޖެހުން

ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގައިފި އެވެ.

ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ކަމަށާ އެކަމާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށް ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނީ ވިއްސަކަށް މީހުން އެ ރަށަށް އަރާ ސެކިއުރިޓީ ގާޑަށް ބިރުދައްކާ ގައިގައި އަތްލާ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

ރިހިވެލި ރިސޯޓަށް ބަޔަކު އަރާފައިވާއިރު އެ ރިސޯޓްގެ މައްސަލަ އޮތީ ޝަރީއަތުގައެވެ. ރަށަށް ބަޔަކު އެރީ މިއަދު ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.

ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާ އެކު މަހަލްއިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހަލް ކުންފުނިން ބާތިލުކުރި މައްސަލައިގައި ސޭވް ދަ ޑްރީމް އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. މިއަދު އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މަހަލް ޓުއާސްއިން އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.

މަހަލް ކުންފުނިން ބުނެފައި ވަނީ އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ނުދެއްކުމުން ކަމަށެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 300،000 އަށް ވުރެ ގިނަ ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އޮތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ދެ ކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މަހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި ދެމި ނުތިބެވޭނެ ކަމަށެވެ. އަދި އެތަނުން މަންފާ ހާސިލްކުރުމުގެ ހައްގުވެސް ލިބިގެން ނުވާ ކަމަށާއި ސޭވް ދަ ޑްރީމް ކުންފުނިން ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ އަށް ލައްކަ ޑޮލަރު ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.