މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ޕިކްނިކް އައިލެންޑް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓިސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މި މަސައްކަތް ނިމޭނީ ހަ މަހާއި އަށް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ކުރަމުންދާނީ އެއަށްވުރެ އަވަހަށް ވެސް ނިންމޭތޯ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ.

ކުޑަގިރި ބިން ހިއްކުމާ މެދު އާންމުންގެ ހިޔާލު ހޯދަން ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރުވެސް ގިނަ ބިން ހިއްކުމުގެ މަޝްރޫއު ތަކަށް ވެލި ނަގަމުންދާ ސަަރަހައްދެކެވެ. މި ޕްރޮޖެކްޓަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.