ހަބަރު

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޮބަލައިޒް ކޮށްފި

ޕްލޭނިން މިނިސްޓްރީންއިން އެމްޓީސީސީއާ ހަވާލުކުރި ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް މޮބަލައިޒް ކޮށްފި އެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 48 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި އެމްޓީސީސީއާ ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ.

އެމްޓީސީސީއިން މައުލޫމާތު ދޭ ގޮތުގައި، ފުޅަދޫ ބަނދަރު ހެނދުމުގެ މަޝްރޫއުގެ ތެރެއިން، ބަނދަރުގެ ބޭރު ތޮށިލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން އެތެރެ ތޮށިލުމާއި އަދި މޫރިން ބްލޮކްސްލުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ އެެވެ.

ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެ އެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގަ އެވެ. އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށެވެ.

މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތް ވެސް އެމްޓީސީސީންއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.