މަތީ ތައުލީމް

ނިލާއީ ޔުނިވަސިޓީގެ ބަޔޯ ޓެކް ކޯސްތައް ޖެނުއަރީގައި މައި ކޮލެޖުގައި ފެށޭތޯ ބަލަނީ

މެލޭޝިއާގެ ނިލާއީ ޔުނިވާސިޓީން ކުރިއަށް ގެންދާ ބަޔޯ ޓެކްނޮލޮޖީ ކޯސްތައް މައި ކޮލެޖުގައި އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މައި ކޮލެޖުން ބުނެފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ. މައި ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަހްމަދު މުއްތަކީ އެވެ. އަދި ނިލާއީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑާޓޯ ޑރ. އަޒްހަރު ބިން އިސްމާއިލް އެވެ.

ނިލާއީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މައި ކޮލެޖުން ހިންގާ ރާއްޖޭގެ އެކި ކެމްޕަސްތަކުގައި ބަޔޯ ޓެކްނޮލޮޖީ ކޯސްތައް ފައުންޑޭޝަން އިން ފެށިގެން ބެޗްލާ އޮފް ސައިންސް އޮނާސް އާއި ހަމައަށް ކިޔެވޭނެ އެވެ. އޭގެ ތެރޭގައި ފައުންޑޭޝަން އޮފް ސައިންސް އަދި ބަޔޯ ޓެކްއިން ޑިޕްލޮމާ އަދި ބެޗެލާޒް ޑިގްރީ ހިމެނެ އެވެ.

ފައުންޑޭޝަން އޮފް ސައިންސަކީ އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ކޯހެކެވެ. އަދި ޑިޕްލޮމާ އިން ބަޔޯ ޓެކްނޮލަޖީ އަކީ 2 އަހަރު ދުވަހުގެ ކޯހެކެވެ. ބެޗްލާ އޮފް ސައިންސް އޮނާސް އިން ބަޔޯ ޓެކްނޮލަޖީ އަކީ ތިން އަހަރު ދުވަހުގެ ކޯހެކެވެ.

މައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ މިއަދު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީގައި ފައުންޑޭޝަން އަދި ޑިޕްލޮމާ ކޯސް ކިޔަވައިދޭން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފަހުން ޑިގްރީ ޕްރޮގްރާމްވެސް ފަށާނެ ކަމަށެވެ.

އެ ކޯސްތައް މައިކޮލެޖުގެ ހުރިހާ ކެމްޕަސް ތަކަކުން ވެސް ކިޔެވޭއިރު ބައެއް ކެމްޕަސްތަކުން ކޯހަށް އެޕްލައިކުރާ ކުދިން މަދުވި ނަމަވެސް އެ ކުދިންނަށް ފުރުސަތު ދޭނެ ކަމަށް ލަމްޔާ ވިދާޅުވި އެވެ.

"ހަގީގަތުގައި މި ލިބިގެން ދަނީ ރަނުގެ ފުރުސަތެއް. އެއީ އަޅުގަނޑުމެންގެ އަމިއްލަ ރަށުގައި ތިބެގެން ބަޔޯ ޓެކްނޮލޮޖީގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު މި ލިބެނީ. ދެން އަނެއްކާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން މި ޕްރޮގްރާމަށް އެޕްލައި ކުރެވޭނެ" ލަމްޔާ ވިދާޅުވި އެވެ.

ބަޔޯ ޓެކްނޮލޮޖީ ކިޔަވާ ދަރިވަރުން ފުރިހަމަކުރަން ޖެހޭ ލެބޯޓަރީ ޓްރެއިނިންތައް ރާއްޖޭގައި ފުރިހަމަ ކުރެވޭނެ އެވެ.