ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ މެނިފެސްޓޯ: އިސްލާމް މާއްދާ އިނގިރޭސީން ކިޔަވައިދެނީ

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލު ނިޒާމުގެ ތެރެއިން އު ފުރުސަތު ވެރިކަމުގެ ދެވަނަ ދައުރުގައި ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އާންމު ކޮށްފަ އެވެ. އެއީ "އުފާވެރި ދިރިއުޅުން" ގެ ސިޔާސަތުތަކާއި ވައުދުތަކެވެ.

އެގޮތުން އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އު ފުރުސަތު ހޯދައިދިނުމާއި ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެ އައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑެންޓު ވިސާ ތައާރަފު ކޮށް ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުމާއި ބޮންޑް ގާނޫނަށް އަމަލުކުރުން ހުއްޓާލުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެެވެ.

ދިވެހިރާއްޖެއާއި ރާއްޖޭގެ ތާރީހާއި ގުޅޭ މާއްދާއެއް ތައާރަފްކޮށް ދިވެހިރާއްޖެއާ ގުޅޭ މައުލޫމާތު ކިޔަވައިދިނުމާއި، ކުދިންނާ ރަހްމަތްތެރިކޮށް ދިވެހި މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖައާކޮށް އަމަލީ ދިވެހި އުނގަންނައިދީ ދިވެހި ލިޓްރޭޗާއަށް ހާއްސަ މާއްދާއެއް ތައާރަފްކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކޮށް ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރުމާއި ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތު ދިނުން ހިމެނެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް އެކަކުން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަކީވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސާވިސް ޔުނިޓެއް ގާއިމުކުރުމުގެ އިތުރުން ހިލޭ ޑިގްރީގެ ދަށުން ކަމާގުޅޭ އިދާރާތަކާ ކުރަންޖެހޭ ފައިސާގެ މުއާމަލާތް ކުރުމުގެ އުސޫލު ލުއިފަސޭހަކުރުންވެސް ހިމެނެ އެވެ.

ތަފާތު އެކި ހުނަރު ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ސްކިލް ބޭސްޑް ސްކޯލާޝިޕް ތައާރަފްކުރުމަށާއި ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށްވެސް ހިމަނާފައިވެ އެވެ. އަދި ރާއްޖެއަކީ "އޯޝަން ބޭސްޑް" ސައިންސްގެ ދާއިރާއިން ދިރާސާކުރުމަށް މަގުބޫލު ގައުމަކަށް ހެދުމަށް އަމާޒެއް ކަނޑައަޅާފައިވެ އެެވެ.

މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ހުޅުމާލޭގައި އިތުރު ސްކޫލްތައް އިމާރާތްކުރުމާއި ސްކޫލް ދަރިވަރުންނަށް ހާއްސަ ބަސް ދަތުރުގެ ހިދުމަތް ތައާރަފްކުރުމަށްވެސް މިސިޔާސަތުގައި ހިމަނާފައިވެ އެވެ. މީގެ އިތުރުން ހުރިހާ ސްކޫލެއް ސޯލާ މެދުވެރިކޮށް އެއާކޯން ކުރުމަށާއި ބަރު ދަބަސް ލުއިކުރުމަށްޓަކައި ކޮންމެ ދުވަހަކު ސްކޫލަށް ފޮތްތައް ގެންނަން ނުޖެހޭ ގޮތަށް ރާވާ، ޑިޖިޓަލް ވަސީލަތް ބޭނުންކޮށްގެން ކިޔެވުމާއި ފޮތްތައް ސްކޫލްގައި ބެހެއްޓޭނެ ލޮކަރު ސިސްޓަމް ހަމަޖެއްސުމަށްވެސް ހިމަނާފައިވެ އެވެ.