މަތީ ތައުލީމް

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގައި ބައިވެރިވުމަށް ހުޅުވާލައިފި

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަށް އަލުން މެންބަރުން އައްޔަންކުރުމަށްޓަކައި ބޯޑުގައި ބައިވެރިވުމަށް ބޭނުންވާ މަދަނީ ޖަމިއްޔާތަކުން ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓާ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް ލަފާދިނުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެހެންވެ މި ބޯޑުގައި ބައިވެރިވާން އެދޭ ޖަމިއްޔާ ޖަމާއަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މި މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ބައިވެރިވެވިދާނެ ޖަމިއްޔާތައް

  • ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލް ކުރާ ޖަމިއްޔާތަކުގެ ފަރާތުން

ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އިތުރަށް ބުނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.