ރައްޔިތުންގެ މަޖިލިސް

ބޭރުގައި ތިބި ދަރިވަރުންނަށް 12 މިލިއަން ރުފިޔާ ޖަމާކޮށްފި: ރިފާއު

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް މިދިޔަ ބުރާސްފަތި ދުވަހުވެސް 12 މިލިއަން ރުފިޔާ ސަރުކާރުން ޖަމާކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

މެންބަރު ރިފާއު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ އެ ފައިސާ ވަގުތުން ވަގުތަށް ޖަމާކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީ އިން ކުއްލި މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

އެ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އެހެން ބިލެއްގެ ބަހުސެއްގައި މެންބަރު ރިފާއު ވިދާޅުވީ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ދެމުންދާ ކަމަށެވެ.

"ބޭރުގައި ތިބި ކިޔަވާ ކުދިންނަށް މިދިޔަ ބުރާސްފަތި ދުވަހުވެސް މި ސަރުކާރުން 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ޓްރާންސްފާކޮށްފި،" ރިފާއު ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވަމުން ރިފާއު ވަނީ ދަރިވަރުންނަށް ފައިސާ ދިނުމުގައި އުނދަގޫ ކުރިމަތިވީ އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކޮށްފައި އޮތް ގޮތުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

"މި ނުކުރެވި ހުރީ ކީއްވެގެންތޯ. ކޭ ހުރިހާ ލާރިއެއް ކާލައިގެން ނައްޓާލީ. އެއީ މީގަ ހުރިހާވެސް މައްސަލަ އަކީ،" ރިފާއު ވިދާޅުވި އެވެ.

ދަރިވަރުންނަށް ނުދެވި ހުރި ފައިސާއަކީ "ވާރުތަވި ދަރަނި" ކަމަށާއި އެ ފައިސާ ދޭން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"(ރައީސް) އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 62 ބިލިއަނުން ގައުމު ދަރުވާލާފަ ދިޔައިރުގައި ކިތައް މިލިއަން ޑޮލަރު މި ކުދިންނަށް ނުދިޔަތޯ އައްސަވާ،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ދަރިވަރުންނަށް މިއަދުވެސް ފައިސާ ޓްރާންސްފާކުރަމުންދާ ކަމަށެވެ.

"މިއަދުވެސް ޓްރާންސްފާތައް ހަމަ އެދަނީ ވަމުން. މިއަދު ސަރުކާރު ނިމޭއިރުވެސް ގިނަ ކުދިންތަކެއްގެ ފައިސާތައް ހުންނާނީ ދައްކާފަ. މިއީ އަޅުގަނޑުމެންނަށް ވާރުތަވީ ދަރަންޏޭ،" ރިފާއު ވިދާޅުވި އެވެ.