މިނިވަން ދުވަސް

މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ދިވެއްސެއް މިހާރު ނުހުންނާނެ: ރައީސް

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އިލްމު އުނގެނުމާއި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ނުލިބޭ ދިވެއްސެއް މިހާރު ނުހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން މީގެ ކުރިން ތަނަވަސް ވެފައި ނެތް މިންވަރަށް ދިވެހި ޒުވާނުންނަށްޓަކައި މި ސަރުކާރުން ފުރުސަތު ފަހި ކޮށްދީފައިވާނެ ކަމަށެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ވެފައި އޮތް ވައުދެކެވެ. އެ ވައުދު ފުއްދަވާ ރައްޔިތުންނަށް އިލްމު އުނގެނުމަށާއި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހި ކޮށްދީީފައިވާ ކަމަށް ރައީސް މިއަދު ފާހަގަކުރެއްވީ މިސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއް ގޮތަށެވެ.

"މާތް ﷲގެ ހެޔޮ ރަހްމަތްފުޅުން މި ފިޔަވަޅު މަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށެވެ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށްވެސް ވިދާޅުވި އެވެ.

"މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ރައީސް ވިދާޅުވި އެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މިއަދު މިވަނީ ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް ގައުމު ބިނާކުރުމުގެ ބިންގާ ފުރިހަމައަށް އަޅާފައި ކަމަށެވެ.

"ދެން ކުރަން އޮތް ކަމަކީ އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްގީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަގުސަދަކަށް ވާންވީ އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް މިސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު 4،000 އަށް ވުރެ ގިނަ ދަރިވަރުން މިހާތަނަށް ވަނީ ބޭނުންކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910