ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަދަލުތަކާ އެއްހަމަކުރަން ތައުލީމީ އިދާރާތަކުން ސަމާލުވުމަށް އެދިވަޑައިގެންފި

ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖުތިމާއީ ބަދަލުތަކާ އެއްހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށްޓަކައި ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަަށް އެދިވަޑައިގަތީ މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބު ގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށެވެ.

އެމަނިކުފާނުގެހިތާބުގައި ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ ޓީޗަރުންގެ މިންނެތް މަސައްކަތުންކަން ފާހަގަކުރެއްވި އެވެ. އަދި ހަމަ އެހެންމެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިއްމު ގައުމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމު ކަންވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމުގައި ވިދާޅުވެފަ އެވެ. ހަމަ އެހެންމެ އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ރައީސްގެ ހިތާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ އާއިލާތަކަށް ތަހުނިޔާއާ ހެޔޮއެދުންތައް ވެސް ފޮނުއްވާފައިވެ އެވެ.