ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދަރިވަރުން ހާސިލްކުރާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ ހޭލުންތެރި ބަޔަކަށްވުމަށް އަޒުމް ކަނޑައަޅައިގެން ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އިސްލާމީ އަގުތައް ހިފަހައްޓައި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒު ކޮށްދެނީ ދިރިއުޅުމުގެ އަމަލީ މައިދާނަށް ކުދިން ތައްޔާރު ކޮށްދިނުމުގައި ސްކޫލުތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތް ކަމަށެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އިހްސާސް ކުރެއްވޭ ކަމަށާއި އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ހާސިލްކުރީ ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ގުރުބާނީއެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެބޭފުޅުން ގައުމަށްޓަކައި ކޮށްދެވި ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

މި ނިމުނު ދިރާސީ އަހަރަކީ ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތައުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުތަކުގައި ބައިވެރި ވިއިރު މަތީ ޘާނަވީ ތަޢުލީމު ނިންމައި ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗްއެސްސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައެވެ. ހަ ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ހާސިލުކޮށްފައެވެ.

މީގެ އިތުރުން މަތީ ޘާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް ހާސިލުކޮށްފަ އެވެ.