ރައްޔިތުންގެ މަޖިލިސް

10 އަހަރުވީ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ހުށަހަޅައިފި

ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މި ބިލު މަޖިލީހަށް ތައާރަފުކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާނަމަ ނުވަތަ ރާއްޖޭއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާނަމަ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވާ މަރުކަޒުތަކަށް އަދި ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ ފަސް އަހަރުވެފައިވާ މަރުކަޒަށް ޔުނިވާސިޓީގެ ދަރަޖަށް ދެވޭ ގޮތަށް އިސްލާހު ހުށަހަޅާފަ އެވެ.

ޔުނިވާސިޓީގެ ޝަރުތު ހަމަވާ މުއްދަތު ކުރު ކުރި ނަމަވެސް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރަން މިހާރު ގާނޫނުގައި އޮންނަ މާއްދާއަށް އެއްވެސް އިސްލާހެއް ހުށަހަޅާފައިނުވެ އެވެ.

ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުުގެ ގޮތުން ރާއްޖޭގައި މިހާރު ހިންގަމުންގެންދާ ތައުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ އުސޫލު އިސްލާހު ކުރުމެވެ.

މީގެ ކުރިން ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާނަމަ ނުވަތަ ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާނަމަ ޔުނިވާސިޓީގެ ދަރަޖަ ދޭން ގާނޫނަށް އިސްލާހު ހުށަހެޅި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. ނަމަވެސް އެ އިސްލާހު މަޖިލީހުން ފާހެއް ނުވި އެވެ.