އަހުމަދު ރިލްވާން

ރިލްވާން މައްސަލާގައި އަދީބާ އެބަ ސުވާލު ކުރަން: އުމަރު

Nov 26, 2015
1

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފުލުހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު އެގޮތަށް ވިދާޅުވީ މިއަދު ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކަމަށް ހޯމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓްގައިވެ އެވެ. އެ މައްސަލައިގައި ނައިބު ރައީސް ހައްޔަރުކުރި ފަހުން އުމަރު ވިދާޅުވެފައި ވަނީ ރިލްވާންއަށް ވީގޮތް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ފުލުހުން ކުރާ ތަހުގީގު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ރިލްވާންގެ އާއިލާއާ ވެސް ބައްދަލު ކުރައްވައި ރިލްވާނަށް ވީގޮތް ހޯދުމަށް ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އުމަރު ވަނީ ދެއްވައިފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވަނީ އަދީބަށް ތުހުމަތު ކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރިލްވާން ގެއްލުވާލީ އަދީބާ ގުޅޭ ބައެއް މައުލޫމާތުތައް އޭނާގެ އަތުގައި ހުރުމުން އެކަން މީޑިއާއަށް ހާމަކޮށްފާނެތީ އެވެ. އެހެން ނަމަވެސް އަދީބު ވަނީ އޭރު އެ ކަންކަމަށް އިންކާރު ކުރައްވައިފަ އެވެ.