މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

"ހޭލޯ ފިނޯމިނާ" ފެނުނުތަ؟

މިކާއިނާތުގައިވާ ކޮންމެ އެއްޗަކާމެދު ވިސްނާލިޔަސް ހާމަވާނެ އެންމެ ބޮޑު ހަގީގަތަކީ އުފެއްދެވުމުގެ ފުރިހަމަ ކަމެވެ. މާތްﷲގެ ކުޅަދުންވަންތަ ކަމެވެ. ދުނިޔެއަށް އަންނަ ބައެއް ބަދަލުތަކާއި އުޑާއި ބިމުން އަދި ކަނޑާއި ޖައްވުން އެކި ފަހަރު އެކި ގޮތަށް ފެންނަ ތަފާތު މަންޒަރުތަކާމެދު އިންސާނުން އަޖައިބުވެ އަންތަރީސްވާ ފަދައެވެ. އެހާވެސް ފުރިހަމަ އެވެ. އިރުއަރާ ވަގުތު ފެންނަ ހިތްގައިމު މަންޒަރާއި އިރުއޮއްސޭ ވަގުތު އުޑުމަތިން ފެންނަ މަންޒަރުތަކުން އަޖައިބު ކުރުވައެވެ. އިންތިހާ ޝައުގުވެރި ކުރުވައެވެ.

މިފަދަ ގުދުރަތީ މަންޒަރުތައް ހަމަ ލޮލުން ދެކި ލުމަކީ އިންސާނުން ވަރަށް ލޯބިކުރާ ކަމެވެ. ވަރަށް ޝައުގުވެރިވާ ކަމެކެވެ.

މިއަދަކީ އުޑުމަތިން "ހެލޯ ފިނޯމިނާ" އެއް ފެނުނު ދުވަހެވެ. މިއީ އުޑުގެ އެންމެ މަތީ ފަށަލަައިގައި އުފެދޭ ސިރޯސްޓުރާޓަސް ފަދަ ވިލާގައި ހުންނަ ގަނޑުފެނުގެ ކުރިކީލަތަކުގެ ތެރެއިން އަލި ރިފެރިވެގެން އައުމުގެ ސަބަބުން ފެންނަ ވަށްވުރެކެވެ. މިގޮތަށް ފެންނަ ފެނުމަށް ކިޔާ ނަމަކީ "ހެލޯ ފިނޯމިނާ" އެވެ.

މޫސުމާއި ބެހޭ ގަައުމީ އިދާރާއިން ބުނި ގޮތުން ހަނދުވަރު ދޭ ރެއަކާއި ހިލާފަށް އިރުގެ ގަދަ އަލީގައި ފެންނަ މި ވަށްވުރުގައި ވިއްސާރަ ދުނީގެ ކުލަތައް އާންމު ގޮތެއްގައި ފެނިގެންދާނެ އެވެ. މިއަދު ފެނުނީ އެ ގޮތަށެވެ.

އުޑުމަތިން މިއަދު ފެނުނު މި ހިތްގައިމު މަންޒަރުގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ބަންޑުން ކޮށްލާފައެވެ. "ހެލޯ ފިނޯމިނާ" ފެނުނުތޯ އެތައް ބަޔަކު އެ މީހުންގެ ގާތް މީހުންނާއި ސުވާލު ކޮށްފައިވެއެވެ. އަދި އެ މީހުންނަށް އެ މަންޒަރު ފެނި ނަގާފައިވާ ފޮޓޯތައް ދަނީ ހިއްސާ ކުރަމުންނެވެ.

ވަރަށް ގިނަ ދިވެހިންވެސް އެ މީހުންނަށް ފެނުނު މި އާދަޔާ ހިލާފު މަންޒަރުގެ ފޮޓޯތައް ނަގާ ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ބައެއް މީހުން އެ މީހުންގެ ކްރިއޭޓިވް ވިސްނުމުގައި ފޮޓޯތައް ވަރަށް ޗާލުކޮށް ނަގާފައިވެއެވެ. ގަހެއްގެ ގޮފިކޮޅެއް ނުވަތަ ފާހަގަކޮށްލެވޭ ކޮންމެވެސް އިމާރާތެއް ނުވަތަ ތަނަކާއެކު އެވެ. މި ގޮތަށް ނަގާފައިވާ ފޮޓޯތައް އަދި އިތުރަށް ރީޗެވެ.