ދުނިޔެ

ގަތަރާއި އިނގިރޭސި ފޮރިން މިނިސްޓަރު މަޝްވަރާގައި

ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ އާއި އިނގިރޭސި ފޮރިން މިނިސްޓަރު ޑޮމިނިކް ރާބް، އަފްޣާން މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ދޯހާގައި ނޫސްވެރިނަން މައުލޫމާތު ދެއްވަމުން އައްސާނީ ވިދާޅުވީ އަފްޣާނިސްތާނުގައި ކަންކުރަން އެންމެ ރަނގަޅު ގޮތް އޮޅުންފިލުވުމަށްޓަކައި ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އަފްޣާންގައި ހުރި މައްސަލަތައް ހައްލު ކުރަން އެހީތެރި ވެދޭނެ ގައުމަކަށް ގަތަރު ވާނެ ކަމަށެވެ.

ކާބުލް އެއާޕޯޓް އަލުން ހުޅުވައި މަސައްކަތް ފަށައިގަތުމާ ބެހޭ ގޮތުން އައްސާނީ ވިދާޅުވީ ވަކި ތާރީހެއް ކަނޑައަޅަން ދަތި ކަމަށާއި ތުރުކީއާއެކު މަޝްަވަރާތައް ކުރިއަށް ދާ ކަމަށެވެ. ކާބުލް އެއާޕޯޓް ހުޅުވުމާ ބެހޭ ގޮތުން ތާލިބާނުން ބުނެފައި އޮތީ ލަސްތަކެއް ނުވެ ހުޅުވާނެ ކަމަށާއި ގަތަރާއި ތުރުކީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިނގިރޭސިން ތާލިބާނުންގެ ވެރިކަމެއް ބަލައިގަތުން އަދި އަވަސް ކަމަށް ޑޮމިނިކް ރާބް ވިދާޅުވި އެެވެ. އޭނާ ވިދާޅުވީ ކާބުލްގައި މަޝްރަހު ބަދަލުވަމުން ދާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށާއި ތާލިބާނުންގެ ވެރިކަމެއް ބަލައިގަތުމާ މެދު މަޝްވަރާ ވެސް ނުކުރެވޭ ކަމަށެވެެ.

ޑޮމިނިކް ރާބް ވިދާޅުވީ އަފްޣާނަށް މަޝްވަރާ ބޭނުން ނަމަ އެކަމަށް ހުރަހެއް ނެތް ކަމަށާއި އަފްޣާނާ ބެހޭ ގޮތުން ކޮންމެ ގައުމަކާއެކު ވެސް މަޝްވަރާކުރަރްވާނެ ކަމަށެވެ.

އަފްޣާން ހަމައަކަށް އަޅުވައި މަޝްރަހު ސުލްހަކުރުމަށް ގަތަރާއި ތުރުކީން ގެންދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. މި ދެ ގައުމުން ވެސް ބުނެފައި އޮތީ އަފްޣާނަށް އެހީތެރިވާނެ ކަމަށާއި ތާލިބާނުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.