ތުރުކީ އާއި ސީރިއާގެ ސަރަހައްދީ އިމުގެ މަތިން އުދުހެމުން ދިޔަ ރަޝިއާގެ ފައިޓާ ޖެޓެއް ތުރުކީގެ މިސައިލް ހަމަލާއެއްގައި ގޮވާލި ގޮއްވާލުމަކީ މި ހަފުތާގައި ދުނިޔެ ސިއްސުވާލި ބޮޑު ޚަބަރެވެ. ރަޝިއާ އަކީ ގައުމަކަށް ކުޅެން ކެރޭވަރުގެ ބާރެއް ނޫނެވެ. ތުރުކީ އިން ޖެހިލުންކުޑަކަމާ އެކު ރަޝިއާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓާލައިގެން ދުނިޔެ އަށް މި ދެއްކި "ގަޓަކީ" އެންމެން ސިއްސުވާލި އެލެމެންޓެވެ.
ޚުދު ރަޝިއާ އަށް ވެސް ލިބިގެން ދިޔައީ ބޮޑު ސިހުމެކެވެ. މިއޮތްހާ ދުވަހު ގާތް އެކުވެރިއެއްގެ ގޮތުގައި އޮވެފައި އެފަދަ ހަމަލާއެއް ދިނީމަ ރަޝިއާ ވަނީ ރުޅިވެސް ގަދަވެފަ އެވެ. އެގައުމުން ބުނެފައި ވަނީ ތުރުކީގެ ހަމަލާ އަކީ ބުރަކަށްޓަކަށް ޖެހި ވަޅިއެއް ކަމަށެވެ.
އެހެންވީމަ ތުރުކީ އާއި ރަޝިއާގެ ގުޅުމަށް ވާން މި އުޅެނީ ކިހިނެތް ހެއްޔެވެ؟ ފައިޓާ ޖެޓް ވައްޓާލި މައްސަލާގައި މި ދެ ގައުމުގެ ތަޅާފޮޅުމެއް ފެށިދާނެ ހެއްޔެވެ؟
އެކަމަކު އެ ވާހަކައެއް ފެށުމުގެ ކުރިން ތުރުކީ އާއި ރަޝިއާ އަށް ނަޒަރެއް ހިންގާލަމާ ހިނގާށެވެ. މި ދެ ގައުމަކީ ދުނިޔޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ވަރަށް އެއްގޮތް ސިފަތަކެއް ޖެހިފައިވާ ދެ ގައުމެވެ. ވަކިން ހާއްސަކޮށް ދެ ގައުމުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި، ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ސިފަ އެއްގޮތެވެ.
ބޮޑުވަޒިރުކަން ކުރެއްވުމަށް ފަހު "ޝޯޓް ކަޓެއް ނަންގަވައިގެން" އުރުދުގާން މިދިޔަ އަހަރު ރައީސް ކަމަށް ވަޑައިގަތީ ޕުޓިން ވެސް މެދުކެނޑުމަކަށް ފަހު އަލުން ރައީސް ކަމަށް ވަޑައިގެންނެވި ގޮތަށެވެ. މީގެ އިތުރުން ޕުޓިން އާއި އުރުދުގާން އަކީ ވެސް އެ ދެ ބޭފުޅުންގެ ސަޕޯޓަރުން އެމީހުންގެ ގައުމުގައި ގިނަ އަދި އެހާމެ ބާރު ވެސް ގަދަ ދެ ލީޑަރުންނެވެ.
ޕުޓިން އާއި އުރުދުގާން އަކީ ވަތަނީ ރޫހެއްގެ ތެރެއިން ސަޕޯޓަރުން އެއްކޮށް ގަދަފަދަ ބައިގަނޑެއް އެކުލަވާލައްވައިގެން އުޅުއްވާ ދެ ލީޑަރުންނެވެ. މިސާލަކަށް ރަޝިއާ އިން ކްރައިމިއާ އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަކީ މުޅި ރަޝިއާ ވެސް ޕުޓިން އަށް ތާއީދުކުރާ ކަމެކެވެ. ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އުރުދުގާން ދައްކަމުން ގެންދަވާ ހަރުކަށި ކަމަކީ އެ ބޭފުޅާގެ ކާމިޔާބީ އެވެ.
މި ހުރިހާ ސިފަތަކަކަށް ބަލާލާއިރު ފައިޓާ ޖެޓް ވައްޓާލި މައްސަލާގައި މި ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން އެކަކު އެނަކަކަށް ދޫދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ ރަޝިއާ އާއި ތުރުކީ އަކީ މިހާތަނަށް އެމީހުންގެ ވާދަވެރިންގެ ކުރިމަތީގައި ކުޑަކަކޫޖަހާފައިވާ ބަޔަކަށް ނުވާތީ އެވެ.
ރަޝިއާގެ ފައިޓާ ޖެޓް ވައްޓާލީ ކީއްވެ؟
ރަޝިއާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަ އަށް ސިފައިން ފޮނުވާފައިވާ ގައުމެކެވެ. ސީރިއާގެ ވައިގެ ސަރަހައްދުގައި ރަޝިއާގެ ފައިޓާ ޖެޓްތައް އުދުހެމުންދަނީ މިހެންވެ އެވެ.
މިހެން އުދުހެމުން ދިޔަ ރަޝިއާގެ ފައިޓާ ޖެޓެއް ސީރިއާގެ ވައިގެ ސަރަހައްދަށް ވަނީ އެވެ. އެއީ ރަޝިއާގެ ސޫ-24 މަރުކާގެ ފައިޓާ ޖެޓެކެވެ. މިދިޔަ އަންގާރަ ދުވަހު އެ ބޯޓް ވައްޓާލީ ތުރުކީގެ ވައިގެ ސިފައިންގެ އެފް-16 މަރުކާގެ ޖެޓަކުން ދިން މިސައިލް ހަމަލާއެއްގަ އެވެ.
ތުރުކީ އިން އދ. އަށް ފޮނުވާފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ރަޝިއާގެ ބޯޓް ވައްޓާލީ ވައިގެ ސަރަހައްދަށް ނުވަނުމަށް އިންޒާރު ދެމުން ދަނިކޮށް ތުރުކީގެ ވައިގެ ސަރަހައްދުން 1.85 ކިލޯމީޓަރު އެތެރެއަށް ވަނުމުންނެވެ. ހަމަލާ ދިނުމުގެ ކުރިން 10 ފަހަރެއްގެ މަތިން އިންޒާރު ދިން ނަމަވެސް ރަޝިއާގެ ބޯޓުން ރައްދު ޖަވާބެއް ދީފައިނުވާ ކަމަށް ތުރުކީން ބުނެ އެވެ.
އެއަށް ފަހު 17 ސިކުންތުގެ ތެރޭގައި ތުރުކީން ރަޝިއާގެ ބޯޓް ގޮއްވާލީ އެވެ.
ބޯޓް ވައްޓާލީ ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެގެން ކަމަށް އެގައުމުން ބުންޏަސް ރަޝިއާ އިން އެކަން ދޮގުކުރެ އެވެ. އެމީހުން ބުނަނީ ބޯޓް އުދުހެމުން ދިޔައީ ސީރިއާގެ ވައިގެ ސަރަހައްދުގައި ކަމަށާއި ބޯޓް ވެއްޓުނީ ވެސް ސީރިއާ އާއި ތުރުކީގެ ސަރަހައްދީ އިމުން ސީރިއާގެ ހަތަރު ކިލޯމީޓަރު އެތެރެއަށް ކަމަށެވެ.
މިކަން ސާބިތުކޮށް ދިނުމަށް ރަޝިއާ އިން ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ. އަނެއްކޮޅުން ވައްޓާލި ފައިޓާ ޖެޓުން ސަލާމަތްވި އެއް ޕައިލެޓް ބުނެފައި ވަނީ ތުރުކީގެ އިންޒާރެއް ވެސް ނުލިބޭ ކަމަށެވެ.
ރަޝިއާ އިން ދޭނީ ކޮން ރައްދެއް؟
ރަޝިއާ އިން ވަރަށް ފަހުން އެ ވަނީ ހިޔާލުތަފާތުވުމެއްގެ ތެރެއިން އަސްކަރީ ބާރުގެ ބޭނުންކޮށް ގައުމެއްގެ ބޮޑު ސަަރަހައްދެއް ހިފައިފަ އެވެ. އެހެންވީމަ ރަޝިއާގެ އަސްކަރިއްޔާ އޮތީ ކުރިމަތިލުމަކަށް ތައްޔާރުވެގެންނެވެ.
އެހެން ނަމަވެސް ރަޝިއާ އިން ތުރުކީއާ ދެކޮޅަށް ނުކުމެދާނެ ކަމަކަށް އަދި ނުބެލެވެ އެވެ. އެކަމަކު ރަޝިއާ އިން ވަނީ ތުރުކީއާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ފަށައިފަ އެވެ.
އެގޮތުން ތުރުކީ އާއި ރަޝިއާއާ ދެމެދު އޮތް އަސްކަރީ ދާއިރާގެ އެއްބާރުލުން މެދުކަނޑާލާފައިވާއިރު ރަޝިއާގެ ރައްޔިތުން ތުރުކީ އަށް ދަތުރުނުކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ނަމަވެސް ރަޝިއާ އިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދިވެސް ހުންނެވީ ތުރުކީގަ އެވެ. ދެ ގައުމުގެ ޚާރިޖީ ވަޒީރުން ނިކަން އަވަހަށް ބައްދަލުކުރާނެ ކަމަށް ބެލެވެ އެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުން ފައިޓާ ޖެޓް ވައްޓާލި މައްސަލާގައި ރަޝިއާ އިން ތުރުކީއާ ދެކޮޅަށް ހަރުކަށި އެއްވެސް ފިޔަވަޅެއް އަޅާފާނެ ކަމަކަށް ނުބެލެވެ އެވެ. އެންމެ ބޮޑު ސަބަބަކީ އިސްލާމިކް ސްޓޭޓްއާ ދެކޮޅަށް ގައުމުތައް އެއްބައިވަމުން ދަނިކޮށް ރަޝިއާ އިން ތުރުކީއާ ދެކޮޅަށް ހަރުކަށިކަން ދައްކައިފި ނަމަ އެ ގުޅުން ރޫޅިގެން ދާނެތީ އެވެ.
ރަޝިއާގެ ދުޝްމަނަކީ ވެސް އައިއެސް!
ރަޝިއާ އިން މިދަނޑިވަޅުގައި އައިއެސް ފިޔަވައި އެހެން ބަޔަކާ ދެކޮޅަށް ހަތިޔާރު ނަގާފާނެ ކަމަކަށް ނުބެލެވެ އެވެ. އެމީހުން ސީރިއާ އަށް ދިއުމުގެ ހަގީގީ ބޭނުމަކީ ވެސް އައިއެސްގެ ބާރު ނައްތާލުން ކަމަށްވާތީ އެވެ. އައިއެސްގެ ނުރައްކާ އެހެން ގައުމުތަކަށް ބޮޑުވެފައި އޮތްގޮތަށް ރަޝިއާ އަށް ވެސް ބޮޑެވެ.
އެގޮތުން މިސްރުގެ ސައިނާއީގެ މަތިން ރަޝިއާގެ މަތިންދާބޯޓެއް އައިއެސްގެ ހަމަލާއެއްގައި މިފަހުން ވައްޓާލާފައިވެ އެވެ. އައިއެސްގެ ނުރައްކާ މި ފެންވަރުގައި އޮތްވައި ރަޝިއާ އިން އެހެން ދިމާލަށް އެނބުރިގެންފި ނަމަ އައިއެސް އިން އޭގެ ފައިދާ ނަގައި ބާރުގަދަކޮށްލާނެ އެވެ.
ކުރު ގޮތަކަށް ބުނަނީ ނަމަ ރަޝިއާ އިން ތުރުކީއާ ދެކޮޅަށް ހަރުކަށި ވިސްނުމެއްގައި ފިޔަވަޅެއް އަޅައިފި ނަމަ މިއީ އައިއެސް ނައްތާލުމަށް އެކަތިގަނޑަކަށް ވެފައިވާ ދުނިޔެ ބައިބައިކޮށްލާނެ ކަމެކެވެ. މީގެ ކުރިން ދުވަހަކު ވެސް ދުނިޔޭގެ ބާރުތައް މިފަދަ ގޮތަކަށް އެއްގަލަކަށް އަރާފައެއް ނުވެ އެވެ. އައިއެސް ނައްތާލަން ޖެހޭ ކަމަށް އަދި އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރަން ބޮޑެތި ހުރިހާ ބާރުތަކަކުން ވެސް އެ ވަނީ އެމީހުންގެ ސިޔާސީ ވާދަވެރިން ދޫކޮށް އެއްބަސްވެފަ އެވެ.
މި ސަބަބާ ހެދި އައިއެސްއާ ދެކޮޅު ހަނގުރާމާ ކާމިޔާބުކުރަން ރަޝިއާ އަށް ތުރުކީ ވެސް މުހިންމެވެ. އަދި ތުރުކީ އަށް ރަޝިއާ ވެސް މުހިންމެވެ.
އެކަމަކު ތުރުކީ ރުޅިގަދަވެގެން އުޅެނީ ރަޝިއާ އިން އަސަދުގެ ވެރިކަން ދިފާއުކުރަން އުޅޭތީ ކަމަށް ލަފާކުރެވެ އެވެ.