އެމްއޭސީއެލް

"މެދުއިރުމަތި ހުޅުވާލުމުން ވީއައިއޭއަށް ބާރު ކުޑަވާނެ"

މެދު އިރުމަތި ހުޅުވާލުމުން ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިން މަދުވާނެ ކަމަށް ބެލެވޭ ކަމަށާއި އެއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ބުނެފި އެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު އަވަސްއަށް މިއަދު ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަނީ ސައުދީ ފަދަ ގައުމުތަކަށް ދަތުރު ކުރުމުގެ ކުރިން އެހެން ގައުމެއްގައި ކަރަންޓީނު ވާން ޖެހޭތީ ކަމަށެވެ. ނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަަމަ ކޮށްފައިވާ އިންޑިއާގެ ރައްޔިތުންނަށް އެހެން ގައުމެއްގައި ކަރަންޓީނު ނުވެ ސައުދީއަށް އެތެރެވުމުގެ ފުރުސަތު ދޭން ނިންމުމާއެކު ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިން މަދުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު ވާގޮތަކީ އިންޑިއާއިން އަންނަ ކޮންމެ ފަތުރުވެރިއަކު ވެސް އެބަ ޖެހޭ މެނުއަލްކޮށް ވަކި ވަކިން އެއާޕޯޓް ޗެކިން ކައުންޓަރުތަކުން ޗެކް ކުރަން. އެހެންވެ އެހާ ބޮޑަށް އެއާޕޯޓްގައި ބާރު ބޮޑު ވަނީ" އެމްއޭސީއެލްގެ އެ އޮފިޝަލު ވިދާޅުވި އެވެ.

އެހެން ނަމަވެސް އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން މަދުވުމާއެކު އެއާޕޯޓުގައި ތޮއްޖެހުން މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީއެކޭ އެއްގޮތަށް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ދުބާއީއަށް ދާ ފަތުރުވެރިން ވެސް ކަރަންޓީވާން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އިންޑިއާ ފަތުރުވެރިންނާއެކު އެއާޕޯޓަށް ވަރަށް ބޮޑަށް ބާރުބޮޑުވެ ތޮއްޖެހިފައިވާ އިރު އެމްއޭސީއެލްއިން އެކަށީގެންވާ ސްޕީޑްގައި ހިދުމަތް ނުދޭކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މިއީ އެމްއޭސީއެލްއިން މީގެ ކުރިން އެއްވެސް ވަރަަކަށް ފެންނަ މަންޒަރެއް ނޫނެވެ.

ކުރިއަށް އޮތީ ފަތުރުވެރިންގެ ޕީކް ސީޒަން އެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ ރިސޯޓްތަކަށް ބާރުބޮޑުވެގެންދާނެތީ އެއާޕޯޓްގެ ހިދުމަތްތަކުގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

މިދިޔަ މަހު ރާއްޖެއަށް 143،599 ފަތުރުވެރިން ޒިޔާރަތްކުރި އިރު އިންޑިއާގެ 54،094 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ. އިންޑިއާގެ ފަތުވެރިން ގިނަ އަދަދަކަށް އައިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ގެސްޓު ހައުސްތަކުގައި އިންޑިއާގެ ފަތުރުވެރިން ތިއްބެވެ.