ބޮލީވުޑް

"ބިގް ބޮސް" އޯޓީޓީން އާ ލޯބީގެ ޖޯޑެއް

ރިއަލިޓީ ޝޯ "ބިގް ބޮސް" އަކީ އަބަދުވެސް ވަރަށް ގިނަ މައްސަލަތަކާއި އަރައިރުންތައް އޮންނަ ތަނެކެވެ. އަދި ބިގް ބޮސްގެ ގޭގައި ތިބޭ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުންތައް ވެސް ވަރަށް ގިނައިން މި ޝޯގައި ފެނިފައި ވެއެވެ. އެގޮތުން ބައެއް ބައިވެރިންގެ މެދުގައި ޚާއްސަ ރަހުމަތްތެރިކަމުގެ ގުޅުންތައް އުފެދިފައި ވެއެވެ. އަނެއް ބަޔެއްގެ މެދުގައި ލޯބީގެ މާތައް ވެސް ފޮޅޭތަން ފެނިފައި ވެއެވެ.


މިހާރު ކުރިޔަށްދާ ބިގް ބޮސްގެ އޯޓީޓީ ވާޝަންގައި ވެސް މިފަދަ ގުޅުމެއް ފައްކާ ވަމުން އަންނަތަން މިހާރު ދަނީ ފެންނަމުންނެވެ. އެއީ ޓީވީ އެކްޓަރު ރާގޭޝް ބާޕަޓް އާއި ފިލްމީ ބަތަލާ ޝަމީތާ ޝެޓީގެ މެދުގައި އުފެދެމުންދާ ގާތް ގުޅުމެވެ.

ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ އާއި ރާގޭޝް އަކީ ބިގް ބޮސްގެ ގެއަށް ވަނުމުގެ ކުރިން މާ ބޮޑަށް ދެކެފަރިތަ ބައެއް ނޫން ނަމަވެސް ބިގް ބޮސް ގޭގައި ހޭދަކުރަމުންދާ ދުވަސްތަކުގެ ތެރޭގައި މި ދެމީހުންގެ މެދުގައި ޚާއްސަ ގުޅުމެއް އުފެދިފައިވާތަން ޝޯ ފޮލޯކުރާ މީހުންނަށް ވަނީ ފެނިފަ އެވެ.

ކުރިން ބިގް ބޮސްގެ ގެއިން މިގޮތަށް ގާތް ގުޅުމެއް އުފެދުނު ރޮޝޭލް ރާއޯ އާއި ކީތު ސިކިއުރާ މިހާރު ވަނީ ކައިވެނިކޮށް އެމީހުންގެ ގުޅުން އިތުރަށް ބަދަހިކޮށްފަ އެވެ. ޝަމީތާ އާއި ރާގޭޝް އުޅޭ ގޮތް ފެނުމުން ބިގް ބޮސްގެ ފޭނުން ބުނަނީ އެމީހުންނަނީ ސިފަ ވަނީ ރޮޝޭލް އާއި ކީތު އުޅުނުގޮތް ކަމަށެވެ. އަދި އެމީހުން ގޮތަށް ޝަމީތާ އާއި ރާގޭޝްގެ ވެސް ގުޅުން ބަދަހިވެގެން ދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކަރަން ޖޯހަރް ހޯސްޓްކުރާ މި ޝޯގައި ދެން ތިބި ބައިވެރިން އުޅެނީ އެކަކު އަނެކަކާ ހަނގުރާމަ އިއުލާން ކޮށްގެންނެވެ.