ބޮލީވުޑް

"ދޯސްތާނާ 2" އިން ވަކިކުރި ސަބަބު ކާރްތިކް ކިޔައިދީފި

ކަރަން ޖޯހަރްގެ "ދޯސްތާނާ 2"ގެ ޝޫޓިންގްގެ ބައެއް ފުރިހަމަ ކުރި ފަހުން އެ ފިލްމުން ކާރްތިކް އާރްޔަން ވަކިކޮށްފައިވެ އެވެ. ކޮރޯނާ ވައިރަސް ޕެންޑެމިކްގެ ކުރިން ޝޫޓިންގް ފެށި މި ފިލްމުގެ މަސައްކަތް ޕެންޑެމިކް އާ ގުޅިގެން ހުއްޓިފައި ދޮޅު އަހަރެއްހާ ދުވަސް އޮތުމަށްފަހު އަލުން ފެށިއިރު ފިލްމުން ކާރްތިކް ވަކިކުރުން ވެގެން ދިޔައީ ގިނަ ބަޔަކު މިކަމާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކަން މެދުވެރިވި ކަމަކަށެވެ.

އެ ދުވަސްވަރު އިންޑިޔާގެ ނޫސްތަކުން ބުނީ ކާރްތިކް އާއި ކަރަން ޖޯހަރް އާ ދެމެދު ވަރަށް ބޮޑަށް މައްސަލަތައް ޖެހި ކަރަން ރުޅިއައިސްގެން ކާރްތިކް ފިލްމުން ވަކި ކުރީ ކަމަށެވެ.

އެއްބައި ނޫހުން ބުނީ ކަރަން ރުޅިއައީ ކާރްތިކްގެ ޕްރޮފެޝަނަލްކަން ކުޑަވެގެން ކަމަށެވެ. އަނެއްބައި ނޫހުން ބުނީ "ދޯސްތާނާ 2"އިން ކާރްތިކް ވަކިކުރަން ކަރަން ނިންމީ އޭނާ ފިލްމު ކުޅެދޭ ފީ ކުއްލިއަކަށް ބޮޑުކުރީމަ އެވެ. މީގެން އެއްވެސް ވާހަކައަކަށް ކާރްތިކް ޖަވާބު ނުދީ ހުރުމަށްފަހު "އާޕްކީ އަދާލަތު" ކިޔާ ޓީވީ ޝޯއެއްގައި އޭނާ މިކަންވީގޮތް ވަނީ ކިޔައިދީފަ އެވެ.

ކާރްތިކް ބުނީ މިހާތަނަށް އޭނާ މި ވާހަކަ ނުދައްކާ ހުރީ މަންމަ ދިން ނަސޭހަތުގެ އަޑު އަހައިގެން ކަމަށެވެ.

"މަންމަ ބުނެފައި ވަނީ ދެ މީހެއްގެ މެދުގައި ދެބަސްވުމެއް ހިނގައިފިއްޔާ އެތަނުން ހަގު މީހާ އެ ވާހަކަ ދައްކައިގެން ނުވާނޭ އެހެން މީހުން ކައިރީގައި. އެހެންވެ އަހަރެން ވެސް ހުރީ އެ ވާހަކަ ނުދައްކަން،" ކާރްތިކް ބުންޏެވެ.

ކަރަން ރުޅިއައީ އޭނާ މާ ގިނަ ފައިސާ އަށް ޑިމާންޑް ކުރީމަތޯ ކުރި ސުވާލުގެ ޖަވާބުގައި ކާރްތިކް ބުނީ އޭނާ ދުވަހަކުވެސް ފިލްމަކަށް ދޭ ފީ ކުޑަވެގެން ފިލްމަކުން ވަކި ނުވާ ކަމަށެވެ.

"އަހަރެންނަކީ ވަރަށް ދަހި މީހެއް. އެކަމަކު އަހަރެން ދަހީ ފައިސާ އަކަށް ނޫން. މޮޅު ސްކްރިޕްޓަށް،" ކާރްތިކް ބުންޏެވެ.

ކާރްތިކް ބުނީ "ދޯސްތާނާ 2"ގެ މަސައްކަތް ވަކި ވަރަކަށް ކުރުމަށްފަހު ހުއްޓިފައި ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް އޮތް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ކުރިން ރާވާފައި ނެތް ބައެއް ކަހަލަ ބަދަލުތައް ފިލްމުގެ ސްކްރިޕްޓަށް ގެނެސްފައިވާ ކަމަށެވެ. އެއީ ވެގެން ވާނެކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް މިހާރު ކަރަން އާއި އޭނާގެ ގުޅުން އަނެއްކާވެސް ރަނގަޅުވެފައިވާ ކަމަށް ކާރްތިކް ބުންޏެވެ. އަދި އޭނާގެ އާ ފިލްމު "ޝެހެޒާދާ"ގެ ޓްރެއިލް ލޯންޗުކުރުމުން ކަރަން އޭނާއަށް ތައުރީފުކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ޝެއާކޮށްފައިވާކަން ކާރްތިކް ފާހަގަ ކުރި އެވެ.

އޭނާގެ ފިލްމުތައް ރަނގަޅަށް ހިނގިއިރު އެހެން ގިނަ އެކްޓަރުންގެ ފިލްމުތައް ފްލޮޕްވުމުން ސަލްމާން ޚާން ވެސް އޭނާއަށް ވަރަށް ރަނގަޅު ނަސޭހަތެއް ދިން ކަމަށް ވެސް ޒުވާން އެކްޓަރު ބުންޏެވެ.

"އެހެން އެކްޓަރުންގެ ފިލްމުތައް ވެސް ހިޓް ވަމުންދާ ދުވަސްވަރެއްގައި ކަލޭގެ ފިލްމުތައް ހިޓްވުމަކުން އެހާ ބޮޑު އުފަލެއް އިހްސާސެއް ނުވާނެ ކަމަށާއި އުފާވާނީ އެހެން މީހުންގެ ފިލްމުތައް ފްލޮޕްވާއިރެއްގައި ކަލޭގެ ފިލްމުތައް ކާމިޔާބުވީމަ އޭ ސަލްމާން ބުނި،" ކާރްތިކް ބުނެފައި ވެއެވެ.

ފިލްމީ ރޮނގުން ބަލާއިރު ކާރްތިކް މިހާރު ތައްޔާރުވަމުންދަނީ "ޝެހެޒާދާ" ރިލީޒްކުރުމުގެ ގޮތުން ކުރަން ޖެހޭ ޕްރޮމޯޝަން މަސައްކަތަށެވެ. އަދި ޑައިރެކްޓަރު އަނުރާގް ބާސޫގެ "އާޝިގީ 3" ވަނީ އޭނާއާއެކު ވަރަށް ފަހުން އިއުލާން ކޮށްފަ އެވެ.