ކަރަން ޖޯހަރްގެ "ދޯސްތާނާ 2" އިން ކާރްތިކް އާރްޔަން ވަކި ކުރުމުން ފިލްމު އިންޑަސްޓްރީގައި އެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުނެވެ. އެކަށީގެންވާ ރަނގަޅު އުޒުރެއް ނުދައްކާ އެކްޓަރަކު ފިލްމަކުން ވަކި ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމަކަށް ވާތީ އެވެ. ޚާއްސަކޮށް ފިލްމު އިއުލާންކޮށް ފިލްމުގެ ބައެއް ކާރްތިކް ޝޫޓް ކޮށްފައި ވަނިކޮށް އޭނާ ކުއްލިއަކަށް ފިލްމުން ވަކި ކުރުން ވީ އެންމެން ވެސް ވަރަށް އަޖައިބުވީ ކަމަކަށެވެ.
ކުއްލިއަކަށް ކާރްތިކް ފިލްމުން ވަކިކުރީ ކަރަން އާއި އޭނާއާ ޖެހުނު މައްސަލައަކާ ހެދި ކަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް މިކަން ވެގެން އުޅޭ ގޮތް ކަރަން ވެސް އަދި ކާރްތިކް ވެސް ހާމައެއް ނުކުރެ އެވެ.
ކާރްތިކް ކައިރީގައި ވަރަށް ގިނަ ނޫސްވެރިން އެކި ގޮތްގޮތަށް މި ސުވާލު ކޮށްފި އެވެ. ނަމަވެސް އެއްވެސް ފަހަރަކު އޭނާ ސުވާލުގެ ޖަވާބެއް ނުދެ އެވެ. ކާރްތިކް ބުނަނީ އޭނާއަކީ ބޮލީވުޑްގެ އެއްވެސް ކޭމްޕަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށާއި އޭނާގެ ކެރިއަރުގައި ލިބެމުންދާ ކުރިއެރުންތަކަކީ އަމިއްލަ ހުނަރާއި މަސައްކަތުން ހޯދާ އެއްޗެއް ކަމަށެވެ.
އާޖްތަކް އަށް ދީފައިވާ އިންޓަވިއު އެއްގައި ވެސް ކާރްތިކް ބުނީ ކަރަން ޖޯހަރްގެ "ދޯސްތާނާ 2" އާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ކޭމްޕަކަށް ނިސްބަތްވާ މީހެއް ނޫންކަމަށާއި އޭނާގެ ކުރިއެރުން ބިނާވެފައިވާ އޭނާގެ ހުނަރާ ކަމަށެވެ.
"ދޯސްތާނާ 2" އިއުލާންކުރީ 2019 ގައެވެ. އަދި ފިލްމުގެ ޝޫޓިންގް ކުރިޔަށް ދަނިކޮށް ކޮވިޑް-19 ޕެންޑެމިކް އާ ހެދި އަހަރެއްހާ ދުވަހަށް ޝޫޓިންގް ހުއްޓާލާފައި ބާއްވަން މަޖްބޫރުވީ އެވެ. އަދި ފަހުން ފިލްމު ފަށަންވީއިރު ކާރްތިކް ފިލްމުން ވަކިކޮށް އެހެން އެކްޓަރަކު އެ ރޯލަށް ލާން ދަރްމާ ޕްރޮޑަކްޝަނުން ނިންމައި އެކަން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
ކާރްތިކް ބުނި ގޮތުގައި "ދޯސްތާނާ 2" އިން އޭނާ ވަކިކުރި ހަބަރާއެކު ވަރަށް ގިނަ މީހުން ނެގެޓިވް ކޮމެންޓުތައް އޭނާއާ މުހާތަބުކޮށް ކުރަމުން ދެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް އަސަރު ނުކުރިޔަސް މައިންބަފައިންނާއި އާއިލާގެ މީހުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރާތީ ކަންބޮޑުވެ އެވެ.