ކަރަން ޖޯހަރްގެ "ދޯސްތާނާ 2" އިން އެކްޓަރު ކާރްތިކް އާރްޔަން ދާދި ފަހުން ވަނީ ވަކިކޮށްފަ އެވެ. ފިލްމުން ކާރްތިކް ވަކިކުރީ އޭނާގެ ޑިމާންޑްތައް ބޮޑު ވެގެން ގޮސް ކަރަން ކައިރިއަށް އައި ރުޅީގަ އެވެ.
ކަރަން އަކީ ބޮލީވުޑްގައި ވަރަށް ނުފޫޒުގަދަ މީހެކެވެ. ޝާހްރުކް ހާނާއި އަދިތުޔާ ޗޯޕްޅާ ފަދަ ބޮލީވުޑުގެ ފުންނާބު އުސް އެންމެންނާއި ކަރަން އާ ގާތް ގުޅުމެއް އޮވެ އެވެ. ވީމާ އޭނާ މީހަކާ ހިތްހަމަ ނުޖެހިއްޖެނަމަ ބޮލީވުޑްގައި އެމީހެއްގެ ދުވަސް ދިޔައީ ކަމަށް ބެލިޔަސް ރަނގަޅުވާނެ އެވެ.
ކާރްތިކް އަށް މިހާރު ދިމާވެފައި ވަނީ މިފަދަ ގޮތެކެވެ. އޭނާ ކުޅެން ހަމަޖެހިފައިވާ ބައެއް ފިލްމުތައް ގެއްލެމުންދާތީ އެވެ. އެގޮތުން "ދޯސްތާނާ 2" އަށް ފަހު ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ އާ ފިލްމު "ގުޑްބައި ފްރެޑީ" ވެސް ކާރްތިކް އަށް ނުދޭން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޑައިރެކްޓަރު އާނަންދް އެލް. ރާއީގެ އާ ފިލްމު ވެސް ކާރްތިކް އަށް ނުދޭން މިހާރު އޭނާ ނިންމައިފި އެވެ. މި ފިލްމާ ގުޅޭ ވާހަކަތައް ކާރްތިކް އާއި ޑައިރެކްޓަރާ ދެމެދު ދެކެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މި ޕްރޮޖެކްޓް އޮތީ ސޮއި ކުރާ ހިސާބަށް ގޮސްފަ އެވެ. ނަމަވެސް ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމު ކާރްތިކަށް ނުދޭން ޑައިރެކްޓަރު މިހާރު ގަސްތުކުރެ އެވެ. އަދި މިހާރު އޭނާ ބޭނުން ވަނީ ފިލްމުގެ ބަތަލަކަށް އަޔުޝްމާން ކުރާނާ ހަމަޖައްސާށެވެ.
ފިލްމުގެ ސްކްރިޕްޓް ދީ އަދި އޭގެ ނެރޭޝަން ދީ ފިލްމު ކުޅެން ސޮއި ކުރުމަށް މުޅިން ތައްޔާރުވެފައި އޮއްވާ ކާރްތިކް ލައްވާ ފިލްމު ނުކުޅުވަން އާނަންދް ނިންމީ ވެސް ހަމަ އެންމެ ސަބަބަކާ ހުރެ އެވެ. ކަރަންގެ "ދޯސްތާނާ 2" އިން ކާރްތިކް ވަކި ކުރުމާ ގުޅިގެން އެ އުފެދުނު ކާރްތިކް އާ އިދިކޮޅު ރާޅުބާނީގަ އެވެ.
މިހާރު ޑައިރެކްޓަރު ބުނަނީ ކާރްތިކް އާއެކު އެއްވެސް ފިލްމެއް ކުޅެން އޭނާ އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
"ޕްރޮޑަކްޝަން ހައުސް އެއް ހިންގާ ބަޔަކަށް ވާތީ އަހަރެމެން އަބަދުވެސް ވަރަށް ގިނަ ސްކްރިޕްޓްތައް ވަރަށް ގިނަ އެކްޓަރުންނާ ޝެއާކޮށް މަޝްވަރާތައް ބާއްވަން. އެގޮތަށް މަޝްވަރާކޮށް ބައްދަލުވުންތައް ބޭއްވުމުގެ މާނައަކީ އޭގެ ކޮންމެ އެކްޓަރަކާއެކު ފިލްމުގައި ސޮއި ކުރެވޭނެއެކޭ ނޫން. ބައެއް ފަހަރަށް ދެ ފަރާތުން ހިތްހަމަޖެހޭ ގޮތްގޮތަށް ކަންތައް ހުރި ނަމަ ސޮއި ކުރެވޭ ހިސާބަށް ދާނީ،" އާނަންދް ބުންޏެވެ.
އަޔުޝްމާން އާއި އާނަންދް އެކުގައި ދެ ފިލްމެއްގައި މީގެ ކުރިން ވަނީ މަސައްކަތް ކޮށްފަ އެވެ. ޝުބް މަންގަލް ސާވްދާން (2017) އާއި "ޝުބް މަންގަލް ޒިޔާދާ ސާވްދާން" (2020) އެވެ. އެހެންވެ އަޔުޝްމާން އަށް މި ފިލްމު ލިބުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމަކަށް ނުވެ އެވެ.
"ދޯސްތާނާ 2" ގެ ތަރިން ބަދަލު ކުރާކަން ކަރަން އިއުލާންކުރީ މިދިޔަ މަހު އެވެ. އެ ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ނިމިފައި އޮއްވާ ބަދަލު ކުރަނީ ކޮން ތަރިންނެއް ކަމެއް ކަރަން ބުނެފައެއް ނުވެ އެވެ. ނަމަވެސް އިންޑިޔާގެ ނޫސްތަކުން ބުނަނީ މައްސަލަ ޖެހިގެން އުޅެނީ ފިލްމުގެ ލީޑް ހީރޯ ކާރްތިކް އާ ކަމަށާއި ބަދަލު ކުރަނީ އޭނަ ކަމަށެވެ.
އޭރު ޝާހްރުކް ޚާންގެ "ގުޑްބައި ފްރެޑީ" ވެސް ކާރްތިކް އަށް އޮތީ ކުޅެން ލިބިފަ އެވެ. ނަމަވެސް ފަހުން އެ ފިލްމުން ވެސް ކާރްތިކް ވަކިވެއްޖެ ކަމަށް ވަނީ ޚަބަރު ފެތުރިފަ އެވެ.