ބޮލީވުޑް

އަދިތުޔާ ޗޯޕްރާ ކެމެރާ ކުރިމައްޗަށް، ކަރަން ޖޯހަރް އުފަލުން ފޮޅިފައި

ނެޓްފްލިކްސް ޑޮކިއުމެންޓްރީ "ދަ ރޮމެންޓިކްސް" ބަލާފައި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އުފަލުން ގޮސް ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހައިފި އެވެ.

ކަރަން އަށް މިހާ ބޮޑު އުފަލެއް ލިބިފައިވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދިތުޔާ ޗޯޕްރާ ފުރަތަމަ ފަހަރަށް މި ސީރީޒްގައި ކެމެރާ ކުރިމަތީގައި އިނދެ ވާހަކަ ދައްކާ މަންޒަރު ފެނިފައިވާތީ އެވެ.

ބުދަ ދުވަހު އިންސްޓަގްރާމްގައި ކަރަން ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "އޭނާގެ ބެސްޓް ފްރެންޑްގެ ވެސް މޫނެއް އެބަހުރި ކަމަށާއި އޭނާ (އަދިތުޔާ ޗޯޕްރާ) ވާހަކަ ދެއްކިލެއް ވަރަށް ފުރިހަމަވެފައި ރީތި ކަމަށެވެ. އަދި އެމީހުން ފާއިތުވީ އަހަރުތަކުގައި އެކުގައި ނަގާފައިވާ ފޮޓޯތައް ދެން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރިޔަސް ވަރިހަމަތޯ ވެސް ކަރަން ވަނީ އަދިތުޔާ ޗޯޕްރާއާ ސުވާލުކޮށްފަ އެވެ. އެ ފޮޓޯތައް ޕޯސްޓް ކޮށްފިއްޔާ ދުވަހަކުވެސް އޭނާއާ ވާހަކަ ނުދައްކާނެ ކަމަށް އަދިތުޔާ ޗޯޕްރާ ބުނެފައިވާ ކަމަށްވެސް ކަރަންގެ ޕޯސްޓްގައި ލިޔެފައި ވެއެވެ.

"ދަ ރޮމެންޓިކްސް"ގެ ޑައިރެކްޓަރު ސްމިރްތީ މުންދްރާއަށް ވެސް ކަރަން ވަރަށް ބޮޑަށް ތައުރީފްކޮށްފައި ވެއެވެ. ޔާޝް ރާޖް ފިލްމްސްގެ މާޒީ އާއި ޔާޝް ޗޯޕްޅާ އާއި އަދިތުޔާ ފިލްމީ ހަޔާތުގެ ސަފުހާތައް ސްމިރްތީ ގެނެސްދީފައިވާ މައުސޫމް އަދި ސީދާސާދާ ކަން ކަރަން ވަނީ ފާހަގަކޮށްފަ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި ހަތަރު އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީރީޒް ބަލަމުން ގޮސް ނިންމާ ނުލައި އޭނާއަށް ނޭވާއެއް ވެސް ނުލެވުނެވެ. މި ސީރީޒް އެހާ ވެސް ޝައުގުވެރި ކަމަށް އޭނާ ބުންޏެވެ.

"ހަގީގަތުގައި ވެސް ޔާޝް ޗޯޕްރާ އަކީ ރޮމޭންސްގެ ރަސްގެފާނު. ޝިފޯން ސާޅީތައް ވަޔާ ކުޅެލާ ރީތި ގޮތާއި، އަންހެން ކުދިންގެ ދަރިކަން އަދި ހިތްގައިމު ރީތި ލޮކޭޝަންތަކާއި އަސަރުގަދަ މިއުޒިކް އޭނާގެ ފިލްމުތަކުން ފެންނަ ފެންވަރަށް އެހެން އެއްވެސް މީހަކަށް ގެނެހެއް ނުދެވޭނެ،" ކަރަން ލިޔެފައި ވެއެވެ.

މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ޔާޝް ޗޯޕްރާގެ ހަޔާތުގެ ކުރީކޮޅަށް ޚާއްސަކޮށްފައިވާއިރު ދެވަނަ އެޕިސޯޑު ޚާއްސަކޮށްފައިވަނީ އަދިތުޔާ ޗޯޕްރާގެ ފިލްމީ ހަޔާތަށެވެ. މި އެޕިސޯޑުގައި އަދިތުޔާ ޗޯޕްރާ ފުރަތަމަ ފަހަރަށް ކެމެރާ ކުރިމަތީގައި އިނދެ އޭނާގެ ފިލްމު އުފެއްދުމުގެ ތަޖުރިބާތައް ކިޔައިދީފައި ވެއެވެ.

އަދިތުޔާ ސްކްރީނުން ފެނުމުގެ ކުރިން ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އޭނާ ކެމެރާ ކުރިމައްޗަށް ނާރާނެ ކަމަށް ވަރަށް ޔަގީންކަމާއެކު ބުނެ އެމީހުންނަށް އެކަން ގަބޫލު ނުކުރެވެޔޭ ހީވާ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އަދި އަދިތުޔާ ސްކްރީނުން ފެނުމުން އެމީހުން އެންމެންނަށް ވެސް ބޮޑު ޝޮކެއް ލިބިގެން އުޅޭ ތަން ވެސް ފެނިފައި ވެއެވެ.

"ދަ ރޮމެންޓިކްސް"ގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުންތަކެއްގެ އިންޓަވިއު ހިމެނެ އެވެ. ޝާހް ރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، ރިތިކް ރޯޝަން، ކާޖޮލް، ކަރީނާ ކަޕޫރު، ކެޓުރީނާ ކައިފް އަދި ރާނީ މުކަރުޖީ ފަދަ ގިނަ ތަރިންތަކެއް ޔާޝް ރާޖް ފިލްމްސް އާއި ޔާޝް ޗޯޕްރާ އާއެކު އެމީހުން ކޮށްފައިވާ ތަޖުރިބާތައް ހިއްސާ ކޮށްފައި ވެއެވެ.

ފެބްރުއަރީ 14 ގައި ނެޓްފްލިކްސް އިން "ދަ ރޮމެންޓިކްސް" ސްޓްރީމްކުރަން ފެށުމާއެކު އެތައް މިލިއަން ބަޔަކު މިހާތަނަށް މި ސީރީޒް ބަލާފައި ވެއެވެ.