ބޮލީވުޑް

ފިލްމުތައް ނުހިނގިނަސް އެކްޓަރު ފީ ބޮޑުކުރާތީ ކަރަން ހިތްހަމަނުޖެހިފައި

ކަރަން ޖޯހަރަކީ ހިންދީ ސިނަމާ އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އަދި ގިނަ ބަޔަކަށް ވަރަށް މަގްބޫލު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރެކެވެ.

ކަރަންގެ އަމިއްލަ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަން އިން އަހަރަކު އެތައް ފިލްމެއް އުފައްދާ ރިލީޒްކުރެ އެވެ. އަދި ފިލްމު އިންޑަސްޓްރީ އަށް ވަންނަން ބޭނުންވާ ގިނަ އާޓިސްޓުންނަށް އެ ފުރުސަތު ތަނަވަސްކޮށްދޭ މީހެއްގެ ގޮތުގައި ވެސް ކަރަން މަޝްހޫރު ވެފައި ވެއެވެ.

ދާދިފަހުން އޮންލައިން ޕޯޓަލް އަކަށް ދިން އިންޓަވިއު އެއްގައި ކަރަން ވަނީ ފާއިތުވީ 2022ގައި ރިލީޒްކުރި ގިނަ ފިލްމުތަކެއް ފްލޮޕްވުމާއި އާޓިސްޓުންގެ މުސާރައާ ގުޅޭ ވާހަކަތައް ދައްކާފަ އެވެ.

ކަރަން ބުނި ގޮތުގައި އާލިއާ ބަޓް އާއި ސިދާރްތު މަލްހޯތުރާ އަދި ވަރުން ދަވަން ބޮލީވުޑަށް ތައާރަފްކުރަން އޭނާ އުފެއްދި "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން ވެސް އޭނާއަށް ގެއްލުންވި އެވެ.

"ޔާޝް ޗޯޕްޅާ އަބަދުވެސް ބުނާނެ ފިލްމެއް ފެއިލް އެއް ނުވާނޭ. ފެއިލް ވާނީ ބަޖެޓޭ. 'ސްޓޫޑަންޓް އޮފް ދަ އިޔާ' އަށް ވެސް ވީ ހަމަ އެހެން. ފިލްމު ކާމިޔާބުވިއިރު އަހަރެންނަށް ފައިސާގެ ގޮތުން ވީ ގެއްލުން،" ކަރަން ބުންޏެވެ.

ފިލްމުތަކުން އެންމެ ބޮޑު ފައިދާއެއް ލިބެނީ ކޮން ބަޔަކަށްތޯ ސުވާލުކުރުމުން ކަރަން ބުނީ އެ ފިލްމެއްގެ ތަރިންނަށް ކަމަށެވެ.

"ފިލްމު ރިލީޒްކުރާ ދުވަހު (އޯޕަނިން އަށް) އެންމެ ފަސް ކްރޯޑު ލިބުނަސް ހެޔޮ އެ ފިލްމުގެ ބަތަލަށް އެބަ ދޭން ޖެހޭ 20 ކްރޯޑު. މިއީ ކޮން ކަހަލަ އިންސާފެއް،" ކަރަން ބުންޏެވެ.

މިއީ ބޮޑު ފީއެއް ދޭން ޑިމާންޑްކުރާ އެކްޓަރުންނަށް ކަރަންގެ ހިތުގައި އޮތް ހިތްހަމަނުޖެހުންތައް ބަންޑުން ޖަހާލި ފުރަތަމަ ފަހަރެއް ނޫނެވެ. ކަރަން ހަމަ މި ވާހަކަ 2018ގައި ވެސް ދައްކާފައި ވެއެވެ.

ކަރަން ބުނި ގޮތުގައި މިހާރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބޮޑެތި ތަރިން ހީކުރަނީ ފިލްމު ބަލާ މީހުން އެމީހުންގެ ފިލްމުތައް ބަލަން ސިނަމާތަކަށް ވެއްދުމުގެ ބާރު ފިލްމީ ތަރިންގެ އަތުގައި އޮންނަ ކަމަށެވެ. ނަމަވެސް ދެ ޑީޖިޓްގެ މުސާރައަކަށް ޑިމާންޑްކުރާ މީހުންގެ ފިލްމުތައް އެހާ ރަނގަޅު ފެށުމެއް ލިބޭ ތަނެއް ނުފެނެ އެވެ. ފިލްމު ފްލޮޕްވާއިރު ތަރިންނަކަށް ލިބޭ ގެއްލުމެއް ނޯވެ އެވެ. ހުރިހާ ގެއްލުމެއް ބޮލުގައި އަޅަން ޖެހެނީ އުފެއްދި ފަރާތުންނެވެ.

މިދިޔަ އަހަރު ކަރަންގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ފިލްމުތަކުގެ ތެރެއިން "ބްރަމަސްތުރަ" އަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބުނެވެ. އަދި "ގޯވިންދާ ނާމް މެރާ" އާއި "ގެހެރާއިޔާން" އަދި "ގުޑް ނިއުޒް"ވެސް ޚަރަދު ފޫބެދި ފައިދާވި އެވެ.

ދަރްމާ ޕްރޮޑަކްޝަނުން މިއަހަރު ރިލީޒްކުރާ ފުރަތަމަ ފިލްމަކީ ކަރަން ޑައިރެކްޓްކުރާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.