އެލްޖީއޭ

އެލްޖީއޭގެ ތިން މެމްބަރުންނަށް މަޖިލީހުން ރުހުން ދީފި

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަނުކުރަން ނިންމި ތިން މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ރުހުން ދީފި އެވެ.

އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ނަމެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުއްވި އެވެ. އޭގެތެރެއިން ލާމަރުކަޒީ ކޮމިޓީގެ ތިން ބައިކުޅަ ދެބައިގެ މެންބަރުންގެ ވޯޓުން ރުހުން ދީފައި ވަނީ އަޒްހާ ޒަމީރު / މ. ލިލީޒް އާއި، ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ އަދި ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން އަށެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ވަކިވަކިން ނެގި ވޯޓުގައި އަޒްހާއާއި ނިއުމާއަށް ރުހުން ދިނުމަށް 43 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ޒީނާއަށް 42 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ނުފެންނަަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އަޒްހާ ޒަމީރަކީ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފްގެ އަނބިކަނބަލުންނެވެ. ޝަމާއު އަކީ ވެސް ކުރިން އެލްޖީއޭގެ ބޯޑު މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަނުކުރަން ކޮމިޓީން ރުހުން ދިން ބޭފުޅުންގެ ތެރެއިން އަޒްހާއަކީ ޖެންޑާ އީކުއާލިޓީގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި ނިއުމާ އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޒީނާ އަކީ މަދަނީ ޖަމިއްޔާއެއްގެ މެމްބަރެކެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. މީގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާ،އި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ވެސް ހިމެނެން ޖެހެ އެވެ. ދެން ތިއްބަވަނީ ކައުންސިލަރުންނެވެ.

އެލްޖީއޭގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފަ އެވެ. އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.