ޑރ. މުހައްމަދު މުއިއްޒު

ކައުންސިލް މުވައްޒަފުންގެ ތައުލީމީ ފާހަށް އިނާޔަތެއް ދޭން މަސައްކަތް ކުރާނަން: ރައީސް

ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތައުލީމު ހާސިލް ކުރާ ސެޓްފިކެޓަށް ބަލައިގެން އިނާޔަތްތައް ރަނގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

ރައީސް މުއިއްޒުއާ އާންމު ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ރައީސް މިހެން ވިދާޅުވީ ނ. މަނަދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ރައީސަށް މިއަދު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

އެ މުވައްޒަފުގެ ސުވާލުގައި ބުނީ އޭނާ ހިމެނޭހެން ކައުންސިލްތަކުގައި ކިޔަވައިގެން ތިބި އެތައް މުވައްޒަފަކު އެބަތިބި ކަމަށާއި އެކަމަކު ސެޓްފިކެޓަށް ބަލައިގެން ބައެއް އެހެން މުއައްސަސާތަކުގައި ލިބެމުންދާ އެލަވަންސް ކައުންސިލްތަކުގެ މުވައްޒަފުންނަށް ލިބެމުން ނުދާ ކމަަށެވެ. އެހެންކަމުން އެކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްއަށް އޭނާ ދެންނެވި އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިން މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވުމާ ގުޅިގެން އެ މައްސަލަ އޮތް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަން ހައްލު ނުވެ އޮތީ ގާނޫނުތަކާއި ގަވައިދުތަކެއް އިސްލާހުކުރަންޖެހި އަދި އެކަން މަޖިލީހުގެ ތެރެއިން އަދި ނުވެ އޮތުމުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އެކަމުގައި އަޅުގަނޑު މަސައްކަތްކުރާނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކީގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މުސާރައިގެ އޮނިގަނޑު ހަދާފައި އޮންނަ ގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށް ފަންތީގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މުސާރައިގެ އޮނިގަނޑު ތައްޔާރުކުރާއިރު އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ކައުންސިލް އިދާރާތަކަކީ ބައެއް ދުވަސްތަކުގައި އެއްގޮތަކަށްވެސް ބަންދުވެސް ނުކުރާ އިދާރާތަކަކަށް ވެފައި ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިދުމަތް ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ތިކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން. އަޅުގަނޑު ވަރަށް ގާތުން ކައުންސިލު މުވައްޒަފުން ދެކިފައި ހުރި މީހެއް މިއީ،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނީ ކައުންސިލުގެ ސިވިލް ސާވިސް ސްޓާފުންނަށް ވަޒީފާގައި އުޅޭއިރު ކިޔެވުމަށް ބޭސްޑްކޮށް ދެން ބަލަންޖެހޭ މިންގަނޑުތަކުގެ ކުރިއެރުންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރަން،" މަނަދޫގައި ހުންނަވައި އައްޒާގެ ސުވާލަށް ޖަވާބަށް ދެއްވަމުން ރައީސް ވިދާޅުވި އެވެ.