ދުނިޔެ

ތާލިބާނުން އަފްޣާންގައި އިންތިގާލީ ސަރުކާރެއް އުފައްދައިފި

ތާލިބާނުން އަފްޣާނިސްތާންގައި އިންތިގާލީ ސަރުކާރެއް އެކުލަވާލައިފި އެވެ. އަފްޣާންގައި އުފައްދާނީ ގާބީލާތަކަށް ނިސްބަތްވާ ސަރުކާރެއް ކަމަށް ތާލިބުން ކުރިން ބުނި ނަމަވެސް، 33 މެމްބަރުންގެ ކެބިނެޓްގައި މުޅިންހެން އޮތީ ބޯހަރު ތާލިބާނުންގެ ފިކުރެވެ.

އަފްޣާނިސްތާނަށް ވަކި ދައުލަތަކަށް ނިސްބަތްކޮށް މިހާރު ކިޔަނީ އިސްލާމިކް އެމިރޭޓް އެވެ. ދައުލަތުގެ ވެރިއަކީ / ބޮޑުވަޒީރަކީ މުއްލާ މުހައްމަދު ހަސަން އަޚުންދު އެވެ. އޭނާގެ ދެ ނައިބުން ތިބެ އެވެ. އެއީ މުއްލާ އަބުދުލް ޣަނީ ބަރާދަރު އާއި މުއްލާ އަބުދުލް ސަލާމް ހަނަފީ އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން ވަގުތީ އިންޓީރިއާ މިނިސްޓަރަކީ ސިރާޖުއްދީން ހައްގާނީ އެވެ. ފޮރިން މިނިސްޓަރަކީ އާމިރު ޚާން މުއްތަގީ އެވެ.

ޑިފެންސް މިނިސްޓަރަކީ މުއްލާ މުހައްމަދު ޔައުގޫބް މުޖާހިދު އެވެ. ޒަބީހުﷲ ހަމަޖައްސާފައި ވަނީ ވަގުތީ ކަލްޗާ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރަށެވެ.

ތަރުޖަމާން ވިދާޅުވީ އަފްޣާންގައި ސަރުކާރު އެކުލަވާލުން އޮތީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި އަންހެނުންނަށް ޚާއްސަ މިނިސްޓްރީއެއް އުފައްދައި ވަޒީރުން ކަނޑައެޅުން އޮންނާނީ ދެވަނަ ފިޔަވަހީގައި ކަމަށެވެ. އޭނާ ވިދާޅުވީ ކެބިނެޓް އާންމުކުރި ނަމަވެސް ސަރުކާރު ހިންގުމުގައި ވަޒިރުން އަމަލީ ގޮތުން މިވަގުތު ބައިވެރިވެ ވަޑައިގަންނަވާނީ ކިރިޔާ ފުދޭ ވަރަށެވެ.

ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާންގައި ހައްޖު އެންޑް ރެލިޖަސް އެފެއާޒް މިނިސްޓްރީއެއް ހުންނާނެ އެވެ. ޖަސްޓިސް މިނިސްޓްރިއަކާއި އިކޮނޮމިކް / ކޮމާސް މިނިސްޓްރީއެއް ވެސް ހުންނާނެ އެވެ.

ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ބޯޑާ އެންޑް ޓްރައިބަލް އެފެއާޒް، އިންޓެލިޖެންސް އޮތޯރިޓިއެއް އަދި ރޫރަލް ރިހެބިލިޓޭޝަން އެންޑް ޑިވެލޮޕްމެންޓަށް ޚާއްސަ އިދާރާއެއް ހުންނާނެ އެވެ.

ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވީ ތާލިބާނުންގެ ސަރުކާރެއް ދުނިޔެއިން ގަބޫލުކުރުމަކީ ވަރަށް އެދެވޭ ކަމެއް ކަމަށާއި ޚާއްސަކޮށް އަރަބި އެކުވެރި ގައުމުތަކުން ތާލިބާނުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.