ރ. އަލިފުށީގައި ހިންގާ މަޝްރޫއުތަކުގެ އަޕްޑޭޓްތައް އެ މަޝްރޫއުތަކާ ގުޅޭ ދެ މިނިސްޓަރުން ދެއްވައިފި އެވެ.
އަލިފުށީގައި ހިންގާ މަޝްރޫއުތަކުގެ އަޕްޑޭޓެއް ލިޔުމުން ހޯދަން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އޮތީ ދެ މިނިސްޓަރެއްގެ އަރިހުގައި އެދި ވަޑައިގެންފަ އެވެ. އެއީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެ ދެ މިނިސްޓަރުން ލިޔުމުން ދެއްވި ޖަވާބު މަޖިލީހުގެ އަމީން އާންމު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވި އެވެ.
ހަސަން ސާފު ކުރެއްވި ސުވާލުތަކުގެ ތެރޭ އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ އަޕްޑޭޓް ހިމެނެ އެވެ. އޭނާ ސާފު ކުރައްވަން ބޭނުންފުޅުވީ އެ ހޮސްޕިޓަލް ޑިޒައިންކޮށް ނިންމައި އެތަން އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެކެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ހެލްތު މިނިސްޓަރުު ނަސީމް ވިދާޅުވީ އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލްގެ ކުރެހުންތަކާއި ހޮސްޕިޓަލާއި ބިލް އޮފް ކުއަންޓިޓީ ނިިމިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ޔޫއެސްބީ މޮޑެލްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓާއެއް ހޮވައި އެފަރާތާއި ސޮއި ކުރަން ޖެހޭ ފްރޭމްވޯކް އެގްރިމަންޓްގައި 30 ޖޫންގައި ސޮއިކޮށްފައިވާ ކަމަށާއި އަދި މިހާރު ކުރަމުންދަނީ އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ މަސައްކަތް ކަމަށެވެ.
ނަސީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަން ރާވަފައިވާ ކަމަށެވެ.
އަލިފުށީގައި އެއާޕޯޓެއް ހަދަން ބިން ހިއްކަން ޕްލޭންކޮށްފައިވާ އިރު އެ މަސައްކަތް ފެށޭނެ ތާރީހު ސާފުކުރަން ވެސް މެމްބަރު ހަސަން އެދިވަޑައިގަތެވެ.
އެ ސުވާލުގެ ޖަވާބުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިން ހިއްކުގެ މަސައްކަތް އެމްޓީސީީސީއާ މި މަހުގެ އެއްވަނަ ދުވަހު ހަވާލު ކޮށްފައިވާ ކަމަށާއި މަސައްކަތުގެ އީއައިއޭއާއި ޑިޒައިންގެ މަސައްކަތަށް ހަ މަސް ދުވަސް ހޭދަވާނެ ކަަމަށެވެ.
އެ މަސައްކަތް ކުރާނީ އެމްޓީސީސީގެ މަހާޖައްރާފު ކަމަށްވުމުން އެ މަސައްކަތް ޝެޑިއުލް ކުރެވޭނީ އެ އުޅަނދުގެ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށްވާތީ ބިން ހިއްކަން ފެށޭނީ ވަކި ތާރީހެއް ކަނޑައެޅޭނީ އީއައިއޭ އަދި ޑިޒައިން މަރުހަލާ ނިމުމުން ކަމަަށްވެސް ވިދާޅުވި އެވެ.
އަލިފުށިން ހިއްކަން ނިންމާފައިވަނީ 50.5 ހެކްޓަރުގެ ބިމެވެެ.
އަލިފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދިނުމަށް ވެސް ހަސަން އެދިވަޑައިގަތެވެ. އަސްލަމް ވިދާޅުވީ އަލިފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާތީ މަގުހެދުމުގެ މަސައްކައް ކުރަން ނިންމާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުންކަމަށެވެ. އަދި އެ މަސައްކަތް ނިމޭނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކަމަށް ލަފާކުރެވޭތީ އާއެކު
މަގު ހެދުމުގެ މަސައްކަތް މިއަހަރު ކޮންޓްރެކްޓް ކުރި ނަމަވެސް އަމަލީ މަސައްކަތް ފެށޭނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށެވެ.
އަލިފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ޕްލޭންކޮށްފައިވާ އިރު ރ. އަލިފުށި ފަޅުގައި ރިސޯޓެއް ހަދަން އަންނަ މަހު ބީލަމަށް ހުޅުވާލަން ވެސް ވަނީ ނިންމާފަ އެވެ.