އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ނެތް ހާލަތެއްގައި ކައުންސިލްގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް އަދާ ކުރަން ޖެހޭ ފަރާތަކީ ނާއިބު ރައީސް ކަަމަށްވާތީ އެ ބޭފުުޅުންގެ މުސާރަ ބޮޑު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީން އެދިފައިވާތީ އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ވެސް އޮތީ ނިންމައިފަ އެވެ. އަދި އެ ކޮމިޓީގެ ނިންމުން ފާސްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ.
އެ ނިންމުން ފާސްކުރުމަށް 41 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
މުސާރައާއި އެލަވަންސްތަކާ އެކު އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް 20،000 ރުފިޔާ މިހާރު ލިބެއެވެ. މިއީ އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ދެން ތިބޭ މެމްބަރުންނަށްވެސް ލިބޭ މުސާރަ އެވެ. ނަމަވެސް މެމްބަރުންނަށްވުރެ ނާއިބު ރައީސްގެ ޒިންމާ ބޮޑުކަމުން ނައިބު ރައީސްގެ މުސާރައާއި ކައިންސިލް މެމްބަރުންގެ މުސާރައާއި ދެމެދު ފަރަގެއް ހުންނަން ޖެހޭނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އަދި މިއަދު މަޖިލީހުން ނިންމި ނިންމުމާއެކު ނާއިބު ރައީސުންގެ މުސާރައަށް 1000 ރުފިޔާގެ އެލަަވަންސަކާއެކު ޖުމްލަ 21،000 ރުފިޔާ ލިބޭނެ އެވެ. ނަމަވެސް އެ މުސާރަ ލިބޭނީ އަންނަ އަަހަރުން ފެށިގެން ނެވެ.
އަތޮޅު ކައުންސިލްގެ ރައީސުންނަށް މުސާރައާއި އެލަވަންސާއެކު ލިބެނީ 28،000ރ. އެވެ. ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާގެ މުސާރައެެއް އެލަވަންސްތަކާއެކު ލިބެ އެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ޖުމްލަ ލިބެނީ 20،000ރ. އެވެ. އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންގެ ޖުމްލަ މުސާރަ އަކީ 13،000ރ. އެވެ.