އެލައިޑް އިންޝުއަަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ވަނީ 2018 ވަނަ އަހަރުގެ ސާޕްލަސް ގެ ގޮތުގައި 1,073,382 ރުފިޔާ ބެހުމަށް ނިންމާ، އެކަން އިއުލާނުކޮށްފަ އެވެ. ތަކާފުލްގެ ސާޕްލަސް މިއީ ކޮން އެއްޗެއް ހެއްޔެވެ؟
"ތަކާފުލް" މި ލަފްޒުގެ އަންނަނީ އަރަބި ބަހުގެ ލަފްޒެއްކަމުގައިވާ ‘ކަފާލާ’ (ގެރެންޓީ) އިންނެވެ. ތަކާފުލް އަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި (ތަޢާވުން) އެއްބަފައިވަންތަކަމާއި (އުޚުއްވަ) އަދި އަމިއްލަ އިޚްތިޔާރުގައި ސަދަގާތްކުރުން (ތަބައްރުއު) ގެ މައްޗަށް ބިނާވެފައި އޮންނަ އެއްބަޔަކު އަނެއްބަޔަކަށް ދިމާވެދާނެ ރިސްކުތަކެއްގެ ޒިންމާ އެންމެން އެކީ ނަގަން އެއްބަސްވާ މުއާމަލާތެކެވެ.
ތަކާފުލް އަކީ އެއްވެސް ޙާލެއްގައި ތަކާފުލްގެ ހިދުމަތްދޭ ކުންފުނިން އޭގައި ބައިވެރިވާ ފަރާތްތަކަށް ގެރެންޓީދޭ ނުވަތަ ޕްރޮޓެކްޝަން ދޭ މުޢާމަލާތެއް ނޫނެވެ. މީގެ ބަދަލުގައި ކުންފުނިން ކޮށްދޭ ކަމަކީ އޭގައި ބައިވެރިވާ ފަރާތްތަކުގެ ފަންޑު ބަލަހައްޓައި، އެއްބަސްވެފައިވާ ގޮތުގެ މަތިން ފަންޑުގެ ކަންކަން ބެލެހެއްޓުމާއި ހިންގުމެވެ. މިކަމުގެ ބަދަލެއްގެ ގޮތުން ތަކާފުލް ޚިދުމަތްދޭ ކުންފުންޏަށް އޭގައި ބައިވެރިވާ ފަރާތްތަކުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްދޭން އެއްބަސްވެފައިވާނަމަ، އޭޖެންސީ ހިދުމަތަށް ފީ އެއް ނެގޭނެއެވެ. މިގޮތަށް ކަން ހިނގާނީ ތަކާފުލް ހިދުމަތްދިނުމުގެ އޮނިގަނޑު ކުންފުނިން ޝަރީއާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށް ބިނާކޮށްފައިވާ ނަމައެވެ.
އަޔާދީ ތަކާފުލް އިން ވެސް ތަކާފުލް ގެ ޚިދުމަތް ދިނުމަށްޓަކައި އިހްތިޔާރުކޮށްފައިވަނީ ވަކާލާގެ އޮނިގަނޑުގެ މައްޗަށެވެ. އެހެންކަމުން، ތަކާފުލްގެ ކޮންމެ އެއްބަސްވުމަކާއެކު ތަކާފުލް އޮޕަރޭޓަރަށް (އަޔާދީ ތަކާފުލްއަށް) ދައްކާ ފައިސާ އިން ވަކީލުގެ ފީ އަދަދަށްވާ ބައި ކެނޑުމަށްފަހު، ކޮންޓްރިބިޔުޓަރުންގެ ފަންޑަށް ލާ ފައިސާ ޖަމާ ކުރަނީ ބައިވެރިންގެ ފަންޑަށެވެ.
ސާޕްލަސްއަކީ ތަކާފުލްގެ ބައިވެރިންގެ ފަންޑުގެ ހަރަދުތައް (ގެއްލުމުގެ ބަދަލުދިނުން، ރީތަކާފުލް) ކަނޑާ ބައިވެރިންގެ ފަންޑް (ޕީއާރްއެފް) އިންވެސްޓްކޮށްގެން ލިބޭ ފައިދާގެ މިންވަރާ އެކު އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އެވެ. މިފައިސާ އަށް ބައިވެރިންގެ ފަންޑުގެ ފައިދާއޭވެސް ކިޔިދާނެއެވެ. އަޔާދީ ތަކާފުލްގައި މި ފައިދާ ނުވަތަ ސާޕްލަސް ބަހަނީ އެ އަހަރެއްގެ ތެރޭގައި ކްލެއިމް ނުކުރާ ފަރާތްތަކަށާއި ގެއްލުމެއް ދިމާވެގެން ބަދަލު ނުލިބޭ ބައިވެރިން (ކަސްޓަމަރުން) ގެ މެދުގަ އެވެ.
ކޮންމެ އަހަރެއްގައި ސާޕްލަސް ނުބެހުމަކީ އެކަށީގެންވާ ކަމެކެވެ. މާލީ ހިސާބުތަކާއި އެހަރުގެ ކްލެއިމްގެ މާޒީއަށް ރިއާޔަތްކުރުމަށްފަހު ސާޕްލަސް ބެހުމާއި ނުބެހުމުގެ އިހްތިޔާރު އޮންނާނީ ތަކާފުލް އޮޕަރޭޓަރަށެވެ. އެއީ ފަންޑަށް ލިބިދާނެ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީވެސް ފަންޑު ބަލަހައްޓާ ފަރާތުގެ ޙައިސިއްޔަތުން ތަކާފުލް އޮޕަރޭޓަރަށް ކަމަށްވާތީއެވެ.
އަޔާދީ ތަކާފުލްގެ 2018 ވަނަ އަހަރުގެ ސަރޕްލަސްގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވަނީ އެ އަހަރު ފައިދާ ލިބުނު ތަކާފުލްގެ ބާވަތްތަކުންނެވެ. އެއީ ހޯމް ތަކާފުލް، ކޮންޓްރެކްޓާސް އޯލް ރިސްކް ތަކާފުލް، ފަޔާ ތަކާފުލް، މޮޓޯ ތަކާފުލް، ކާގޯ ތަކާފުލް އަދި އެހެނިހެން (ބޯޓު ބިލްޑިން ތަކާފުލް، ޕަބްލިކް ލަޔަބިލިޓީ ތަކާފުލް، ޕްލާންޓް މެޝިނަރީ އަދި އިކުއިޕްމަންޓް ތަކާފުލް، މެޝިނަރީ ބްރޭކްޑައުން ތަކާފުލް، ގްރޫޕު ޕާސަނަލް އެކްސިޑެންޓް ތަކާފުލް، ޕެސެންޖަ ލަޔަބިލިޓީ ތަކާފުލް އަދި ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް) އިންނެވެ.
ސާޕްލަސް ހޯދުމަށް އެދި ހުށަހަޅަން ހުޅުވާލާފައި އޮތް ނަމަވެސް އެކަމަށް އެދުމުގެ ކުރިން ސާޕްލަސްގެ ގޮތުގައި ލިބުނީ ކިހާވަރެއްތޯ ބަލާލަން ވާނެ އެވެ. އަދި ސާޕްލަސް ނުލިބޭނެ ޙާލަތްތައް ތަކާފުލްގެ ސެޓްފިކޭޓުގައި ވެސް ބަޔާންކޮށްފައި ވާ އިރު އެކަންކަން ވެސް ރަނގަޅަށް ބަލާލަން ވާނެ އެވެ.
އެލައިޑް އިންޝުއަރަންސްގެ ކަސްޓަމަރ ކެއާ ނަމްބަރު 1600އަށް ގުޅާއިގެންނާއި ޓެލެގްރާމްއިން އެލައިޑު "އޭޖެންޓް1600" މެދުވެރިކޮށް އަދި އެލައިޑްގެ ކަސްޓަމާ ސާވިސް ކައުންޓަރަށް ޒިޔާރަތްކޮށްގެން ވެސް ސާޕްލަސް ލިބުނުކަން ނުވަތަ ސަރޕްލްސްގެ ގޮތުގައި ލިބުނު މިންވަރު ބެލޭނެއެވެ. އަދި 2018 ވަނަ އަހަރުގެ ސާޕްލަސް އަށް ޝަރުތު ހަމަވާނަމަ 12 ސެޕްޓެމްބަރު 2021ގެ 16:00 ގެ ކުރިން އޮންލައިން ޕޯޓަލް މެދުވެރިކޮށް ސާޕްލަސް ޖަމާކުރަން ބޭނުންވާ ބޭންކް އެކައުންޓުގެ މަޢުލޫމާތު ޖެހުމުން ސަރޕލަސް އެދި ހުށަހެޅުނީ އެވެ. އެދި ހަމައެހެންމެ ސާޕްލަސް ފޯމު ކަސްޓަމަ ފްރަންޓް އޮފީހަށް ވެސް އަދި [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމުން ވެސް އެފަރާތެއްގެ އެކައުންޓަށް މި ފައިސާ ޖަމާ ވެގެންދާނެ އެވެ.