އީރާނުން ނިއުކްލިއާ މަޝްވަރާތަކަށް ހުރަސް އަޅައި، އުޒުރު ދައްކައި ލަސްކުރާ ނަމަ އީރާނުން އެދޭ މަންފާއަށް ވާސިލު ނުވެދާނެ ކަމަށް އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ބަލަބަލާ ތިބުމަށް ވެސް ވަގުތު ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށާއި އެއަށް ފަހު ދެން ވާނެ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެ ވަޑައިގެން އީރާން ނިއުކްލިއާ ޑީލަށް ވަރަށް ބޮޑު އިސްކަމެއް އޮތީ ދެއްވާފަ އެވެ. މިއަހަރު އޭޕްރީލް ހަޔަކުން ފެށިގެން ނުރަސްމީ ހައެއްކަ ބައްދަލުވުންތައް ދެ ގައުމުގެ ދެމެދުގައި ވަނީ ބާއްވާފަ އެވެ. އެހެން ނަމަވެސް އެމެރިކާއިން އަލުން ދިރުވަން އެދޭ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށް ވާސިލްވެވޭ ގޮތެއް އަދި ނުވެ އެވެ.
އީރާނުން މަޝްވަރާތައް މެދުކަނޑާލާފައި ވަނީ މިއަހަރު އޮތް ރިޔާސީ އިންތިހާބު ކައިރިވެފައި އޮތުމުން އެކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ އެވެ. އަދި ފަހުން ބުނީ މަޝްވަރާތައް ފަށާނީ އާ ރައީސް، އިބްރާހީމް ރައީސީ މަގާމާ ހަވާލުވެ ވަޑައިގަތުމުން ކަމަށެވެ.
އިބްރާހީމް ރައީސީ މަގާމާ ހަވާލުވެ ވަޑައިގެން ނިއުކްލިއާ މަޝްވަރާތަކަށް އިރާން ތައްޔާރު ކަމަށް އޮތީ ވިދާޅުވެފަ އެވެ. އީރާނުން ޖޭސީޕީއޯއޭ އަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.
އީރާން ނިއުކްލިއާ މަޝްވަރާތަކާ ބެހޭ ގޮތުން އެމެރިކާއާ އީރާން ދެގޮތަކަށް ބުނުމުން މިކަމުގައި ދެގައުމުގެ އިޅްލާސްތެރިކަމާ މެދު މިއޮތީ ސުވާލު އުފެދިފަ އެވެ. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުފައި ކުށްދައްކަން ހަދައިގެން ކޮޅުމަތި ބަނަވުން ނޫން ކަމެއް ނުވާނެކަން ދެގައުމަށް ވެސް އެނގެން ޖެހެ އެވެ.
އިރާން ނިއުކްލިއާ އެއްބަސްވުމަކީ ކުރިން ރަނގަޅަށް އޮތް އެއްބަސްވުމެވެ. އެހެން ނަމަވެސް ޓްރަމްޕް ސަރުކާރުން، 2018 ގައި ޖޭސީޕީއޯއޭ އެއްބަސްވުން އުވާލައި އިރާނަށް އިގުތިސޯދީ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅުމުން ހާލަތު ބަދަލުވި ގޮތް މިހާރު މިފެންނަނީ އެވެ.
އެމެރިކާއަށް އޮތް ބިރަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ފެށުމެވެ. އިންޓަނޭޝަނަލް އެޓޮމިން އެނާޖީ އޭޖެންސީ ބުނި ގޮތުގައި ނިއުކްލިއާ ބޮމެއް އުފައްދަން އީރާނުން ދެން އޮށްދާހިއްލާ ވަރަށް މަސައްކަތްކުރާކަށް ނުޖެހޭނެ އެވެ. އީރާން މިހާރު އޮތީ އަތުނުޖެހޭ ފެންވަރަށް ޕްލުޓޯނިއަމް ފަދަ ނިއުކްލިއާ މާއްދާތައް މުއްސަނދިކޮށް ޚަލާސްކޮށްފަ އެވެ.