އަފްޣާންގައި ވަގުތީ ސަރުކާރެއް އޮންނަން ޖެހޭނެ ކަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާއިން ބުނީ ގައުމު ހިނގައިގަންނަން ޖެހިފައި އޮތް ކަމަށާއި ހިންގާނެ ބަޔަކު ނެތިއްޔާ ދާނީ އޮޔާ ކަމަށެވެ.
ދުނިޔެ ހީކޮށްގެން އޮތް ގޮތާ ޚިލާފަށް އަފްޣާންގައި ތާލިބާނުން އެކުލަވައިލި ވަގުތީ ސަރުކާރު އޮތީ ތާލިބާން ފިކުރަށް ބުރަވެފަ އެވެ. ތަފާތު ފިކުރުތަކަށާއި ނަސްލު / ގަބީލާތަކަށް ސަރުކާރުން ޖާގަ ދޭނެ ކަމަށް ތާލިބާނުން ކުރިން ބުނި ނަމަވެސް ސަރުކާރު އިއުލާން ކުރިއިރު ބަހާއި އަމަލު އޮތީ ދިމާނުވެ އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަފްޣާންނަށް ވަގުތީ ސަރުކާރެއް މުހިންމު ކަމަށް ޗައިނާ ގަބޫލު ކުރާ ކަމަށާއި ހިތްވަރު ދެއްވާ ކަމަށެވެ.
ތާލިބާނުންގެ ސަރުކާރު ޗައިނާއިން ރަސްމީކޮށް ބަަލައިގަންނަ ކަމަކަށް ތަރުޖަމާން ސީދާ ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ސުވާލުތަކަށް ޖަވާބުދެއްވުމުގައި ތާލިބާނުންނާއެކު ޗައިނާއިން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދާއިމީ ސަރުކާރުތައި ތަފާތު ވިސްނުން ދަމަހައްޓާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޗައިނާއާ ވަރަށް ގާތް ގުޅުމެއް ބާއްވަން އެދޭ ކަމަށް ތާލިބާނުން އޮތީ ބުނެފަ އެވެ. އަދި އަފްޣާނަށް އެންމެ ބޮޑު އިންވެސްޓްމަންޓެއް އަންނާނީ ޗައިނާއިން ކަމަށް ވެސް އޮތީ ބުނެފަ އެވެ.
އަފްޣާނިސްތާންގައި އޮތް އަޝްރަފް ޣަނިގެ ވެރިކަން ވައްޓާލަން ތާލިބާނުން ކުރި މަސައްކަތްތަކުގެ ތެރެއިން ވެސް ޗައިނާއާއެކު ވަރަށް ގާތް ގުޅުމެއް އޮތަތީ ވަނީ ފެނިފަ އެވެ. ޗައިނާއާ ޕާކިސްތާނުން ތާލިބާނުންނަށް ފިކުރި އެހިތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް އަޝްރަފް ޣަނީ އެއިރު ވިދާޅުވި އެވެ.
ޗައިނާއިން އަބަދު ވެސް ބުނަނީ ތާލިބާނުންނާ މަޝްވަރާ ކުރާނެ ކަމަށާއި އަފްޣާންގެ ތަރައްގީއަށް އެހިތެރިވާނެ ކަމަށެވެ.