އެމްޑީޕީގެ ގައުމީ މަޖިލިސް

ކޯރަމް ހަމަނުވެގެން ގައުމީ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

Sep 9, 2021

ކޯރަމް ހަމަ ނުވެެގެން ރޭ ބާއްވަން އުޅުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގައި ހިމެނޭ 87 ދާއިރާ ތަމްސީލް ކުރާ ބޭފުޅުން ހިމެނޭ ގޮތަށް ޖުމްލަ 146 މެންބަރުންގެ މައްޗަށެވެ.

އެ މަޖިލީހުގެ ޖަލްސާ ރޭ ބާއްވަން ހަމަޖައްސާފައި އޮތީ ޖަމާލުއްދީން ސްކޫލުގަ އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ކެންސަލް ކުރި ކަން ފަހުން މެންބަރުން ވަނީ އަންގާފަ އެވެ.

ގައުމީ މަޖިލީހުން މިފަހަކަށް އައިސް ހަފުތާއަކު އެއް ބައްދަލުވުން އޮންލައިންކޮށް ބާއްވަމުން އައީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ނަމަވެސް ރޭގެ ބައްދަލުވުމަކީ މެންބަރުން އެގޮތަށް އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ގައުމީ މަޖިލީހުގައި މިހާރަކަށް އައިސް އާންމުކޮށް މައުލޫމާތު ދެނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "މެއި ހައެއް" ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު އުފެެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވާ މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މީގެކުރިން ވެސް ކޯރަމްގެ މައްސަލަ ދިމާވެ ގައުމީ މަޖިލީހުގެ ބައެއް ޖަލްސާތައް ވަނީ ކެންސަލްކޮށްފަ އެވެ.