މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ޖޮބް ސެންޓަރު ޕޯޓަލްއަށް ބޮޑު ބަދަލެއް

Sep 9, 2021

ބޮޑު ބަދަލަކާއެކު ޖޮބް ސެންޓަރު ވެބްސައިޓު ރީލޯންޗުކޮށްފި އެވެ.

ވަޒީފާގެ ވާޗުއަލް ޕްލެޓްފޯމް އިތުރަށް ފުޅާކުރުމަށް ވެބްސައިޓް ރީ ލޯންޗްކޮށްފައި ވަނީ ރ. އަލިފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޖޮބް ސެންޓަރު ޕޯޓަލްއަށް އަލަށް ގެނެވެނު ބަދަލުތަކާއެކު ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ވަޒީފާ ދިނުމުގައި އިސްކަން ދެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެ އެވެ.

ޖޮބް ސެންޓަރު ޕޯޓަލް އިން ވަޒީފާ އިއުލާނުކުރުމުން ފެށެގެން ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، އިންޓަވިއުކޮށް ވަޒީފާއަށް ހޮވުމާ ހަމައަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ މީހުންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތައް މި ޕޯޓަލް މެދުވެރިކޮށް އިއުލާނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ދިވެހި ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހޯދައި ބަލާނެ ފަސޭހަ އިންތިޒާމްތައް ވެސް ޕޯޓަލްގައި ހުންނާނެ ކަމަށެވެ.

އަމިއްލަ ފަރާތްތަކާއި އެންޖީއޯތައް އަދި ތައުލީމީ ދާއިރާ ހިމެނޭހެން މައިގަނޑު ތިން ކެޓެގަރީއެއްގެ ދަށުން ވަޒީފާ ދޭ ފަރާތްތައް އަދި ވަޒީފާ ހޯދާ ފަރާތްތަކަށް މި ޕޯޓަލްގައި ރަޖިސްޓްރީވެވޭނެ އެވެ.

މިނިސްޓްރީން ބުނީ މި ޕޯޓަލްއާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށް ޕޯޓަލްއަށް މީހުން އަހުލުވެރިކުރުވުމަށް ރަށްރަށުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.