އެޗްޑީއެފްސީ

އެޗްޑީއެފްސީން ހަތަރުވަނަ ސްކޫކް ވިއްކަން ހުޅުވާލަނީ

Sep 9, 2021

ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރަން އަދި ގަންނަ ފަރާތްތަކަށް ފައިސާ ހޯދައި ދިނުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހަތަރުވަނަ ފަހަރަށް ސްކޫކް ވިއްކަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީއެފްސީ އިން ވަނީ މުޟާރަބާ ސްކޫކް ވިއްކުމުގެ ގޮތުން ޕްރޮސްޕެކްޓަސް ނުވަތަ ސްކޫކްގެ މައުލޫމާތު މިދިޔަ މަހު އާއްމުކޮށް، ސްކޫކް ތައާރަފުކޮށްފަ އެވެ. އަދި މި ސްކޫކް ވިއްކަން ފަށާނީ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ސްކޫކް ގަތުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް އޮންނާނެ އެވެ. ސްކޫކް ވިއްކަނީ 1،000ރ. އަށެވެ.

ސްކޫކުން ލިބޭ ފައިދާ ބަހާނީ ސުކޫކު އިންވެސްޓްމަންޓްގެ 65 ޕަސެންޓް ފައިދާ ސުކޫކުގެ ވެރިފަރާތް ނުވަތަ ގަތް ފަރާތަށް ލިބޭނެ އެވެ. އަދި 35 ޕަސެންޓް ފައިދާ ލިބޭނީ އެޗްޑީއެފްސީ އަށެވެ. ސުކޫކުގެ ފައިދާ ސުކޫކު 'އެލޮޓް' ކުރާ ތާރީހުން ފެށިގެން ކޮންމެ ހަމަހަކުން 10 އަހަރުގެ މުއްދަތަކަށް ސުކޫކުގެ ވެރިފަރާތުގެ އެކައުންޓަށް "މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޯޒިޓޯރީ" މެދުވެރިކޮށް ޖަމާކުރަމުން ދާނެ އެވެ.

އެޗްޑީއެފްސީން ބުނީ ސްކޫކް ވިއްކުމުގެ ބޭނުމަކީ އެޗްޑީއެފްސީ އަމްނާގެ ހިދުމަތް ފުޅާކޮށް ގިނަ ފަރާތްތަކަކަށް ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ހައުސިންގް ފައިނޭންސިން ފެސިލިޓީ ދޫކޮށް، މިފަދަ އިންވެސްޓްމަންޓެއް ކުރުމުގައި ރާއްޖޭގެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

"އާއްމުންނަށް ހުޅުވާލައިގެން ސުކޫކު ވިއްކުމުގެ އަނެއް މަގުސަދަކީ އިސްލާމްދީން ހުއްދަކުރާ ރިސްކު ކުޑަ އިންވެސްޓްމަންޓް ފުރުސަތުތަކެއް އިސްލާމީ ބޭންކާއި ތަކަފުލް އަދި އެހެނިހެން ކުންފުނިތަކާއި ޕެންޝަން އޮފިހާއި އާއްމު ފަރުދުންނަށް ހުޅުވާލަދިނުމެވެ،" އެޗްޑީއެފްސީން ބުނެފައިވެ އެވެ.

އެޗްޑީއެފްސީ ސްކޫކްގެ މައުލޫމާތު

  • ސްކޫކް ވިއްކަން ހުޅުވާލާނީ މިމަހު 12 ގައި
  • ގަތުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ
  • ސްކޫކް ވިއްކަނީ 1،000ރ. އަށް
  • ސްކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަން
  • ވިއްކާނީ 200،000 ސްކޫކް
  • ސްކޫކްގެ ފައިދާގެ 65 ޕަސެންޓް ގަތް ފަރާތައް، 35 ޕަސެންޓް އެޗްޑީއެފްސީ
  • ގަތް ފަރާތަށް ކޮންމެ ހަ މަހަކުން 10 އަހަރު ވަންދަން ފައިދާ ލިބޭނެ
  • މިއީ ސްޓޮކް އެކްސްޗޭޖުގައި ލިސްޓްކޮށްފައިވާ ސްކޫކްއެއް

ސްކޫކް އަކީ ކޮބާ؟

ސުކޫކް އަކީ ކަނޑައެޅިފައިވާ ވަކި މުދަލެއް ގަނެވިއްކައިގެން ލިބޭ އާމްދަނީގައި ނުވަތަ މުދަލެއް ކުއްޔަށް ދިނުމުން ލިބޭ ކުލީގައި ނުވަތަ ކަނޑައެޅޭ މަޝްރޫއެއްގައި ހިއްސާވުމުން ލިބޭ ޕްރޮފިޓް ނުވަތަ އާމްދަނީގައި ސުކޫކް ދޫކުރެވޭ މުއްދަތުގައި ސުކޫކް ހޯލްޑަރުންގެ ބައިވެރިވުންވާކަން އަންގައިދޭކަން ހާމަކޮށްދޭ ލިޔުމެއް ނުވަތަ ސެޓްފިކެޓެކެވެ. "ސުކޫކް" އަކީ އިސްލާމިކް ބޮންޑެވެ.

އެޗްޑީއެފްސީން ފުރަތަމަ ސްކޫކްއެއް ވިއްކީ 2013 އެވެ. ފުރަތަމަ އަހަރު ސްކޫކްއެއް ވިއްކީ 500ރ. އަށެވެ. އެ އަހަރު 45,132 ސްކޫކް ވިއްކި އެވެ. އަދި ދެވަނަ ފަހަރަށް ސްކޫކް ވިއްކީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ވިއްކީ 1،000ރ. އަށެވެ. އެ އަހަރު 89,036 ސްކޫކް ވިއްކި އެވެ. އަދި ތިން ވަނަ އަހަރު 2019 ގައި 1،000ރ. އަށް ސްކޫކް ވިއްކިއިރު އެ އަހަރު 126,931 ސްކޫކް ވިއްކި އެވެ