އެޗްޑީއެފްސީ

އެޗްޑީއެފްސީ އިން 1،000ރ. އަށް ސްކޫކް ވިއްކަން ހުޅުވާލައިފި

Sep 13, 2021
1

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ހަތަރުވަނަ ފަހަރަށް ސްކޫކް ވިއްކަން ހުޅުވާލައިިފި އެވެ.

އެޗްޑީއެފްސީ އިން ބުނީ ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރަން އަދި ގަންނަ ފަރާތްތަކަށް ފައިސާ ހޯދައި ދިނުމުގެ ގޮތުން ވިއްކާ ސްކޫކް ގަތުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް އޮންނާނެ އެވެ. ސްކޫކް ވިއްކަނީ 1،000ރ. އަށެވެ.

ސްކޫކުން ލިބޭ ފައިދާ ބަހާނީ ސުކޫކު އިންވެސްޓްމަންޓްގެ 65 ޕަސެންޓް ފައިދާ ސުކޫކުގެ ވެރިފަރާތް ނުވަތަ ގަތް ފަރާތަށް ލިބޭނެ އެވެ. އަދި 35 ޕަސެންޓް ފައިދާ ލިބޭނީ އެޗްޑީއެފްސީ އަށެވެ. ސުކޫކުގެ ފައިދާ ސުކޫކު 'އެލޮޓް' ކުރާ ތާރީހުން ފެށިގެން ކޮންމެ ހަމަހަކުން 10 އަހަރުގެ މުއްދަތަކަށް ސުކޫކުގެ ވެރިފަރާތުގެ އެކައުންޓަށް "މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޯޒިޓޯރީ" މެދުވެރިކޮށް ޖަމާކުރަމުން ދާނެ އެވެ.

އެޗްޑީއެފްސީ ސްކޫކްގެ މައުލޫމާތު

  • ސްކޫކް ވިއްކަން ހުޅުވާލާނީ މިމަހު 12 ގައި
  • ގަތުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ
  • ސްކޫކް ވިއްކަނީ 1،000ރ. އަށް
  • ސްކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަން
  • ވިއްކާނީ 200،000 ސްކޫކް
  • ސްކޫކްގެ ފައިދާގެ 65 ޕަސެންޓް ގަތް ފަރާތައް، 35 ޕަސެންޓް އެޗްޑީއެފްސީ އަށް
  • ގަތް ފަރާތަށް ކޮންމެ ހަ މަހަކުން 10 އަހަރު ވަންދަން ފައިދާ ލިބޭނެ
  • މިއީ ސްޓޮކް އެކްސްޗޭޖުގައި ލިސްޓްކޮށްފައިވާ ސްކޫކްއެއް

ސުކޫކް އަކީ ކަނޑައެޅިފައިވާ ވަކި މުދަލެއް ގަނެވިއްކައިގެން ލިބޭ އާމްދަނީގައި ނުވަތަ މުދަލެއް ކުއްޔަށް ދިނުމުން ލިބޭ ކުލީގައި ނުވަތަ ކަނޑައެޅޭ މަޝްރޫއެއްގައި ހިއްސާވުމުން ލިބޭ ޕްރޮފިޓް ނުވަތަ އާމްދަނީގައި ސުކޫކް ދޫކުރެވޭ މުއްދަތުގައި ސުކޫކް ހޯލްޑަރުންގެ ބައިވެރިވުންވާކަން އަންގައިދޭކަން ހާމަކޮށްދޭ ލިޔުމެއް ނުވަތަ ސެޓްފިކެޓެކެވެ. "ސުކޫކް" އަކީ އިސްލާމިކް ބޮންޑެވެ.