އެޗްޑީއެފްސީ

ސްކޫކް ގަތީމަ ލިބޭނެ ފައިދާއަކީ ކޮބާ؟

އެޗްޑީއެފްސީގެ ސްކޫކް ވިއްކުމާ ބެހޭ ގޮތުން އެ ކުންފުނީގެ މެނޭޖަރު އިސްލާމިކް ފައިނޭންސް، އަޒްމީން ރަޝީދު އަވަސް އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: މުހައްމަދު ހުމާމް އަހުމަދު

ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ހަތަރުވަނަ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑް ވިއްކަން ހުޅުވާލާފަ އެވެ. މި މަހުގެ ނިޔަލަށް ސްކޫކް ގަތުމުގެ ފުރުސަތު
ހުޅުވާލާފައިވާއިރު ސްކޫކް ގަންނަން ގިނަ އަދަދެއްގެ ދިވެހިން ބޭނުންވެ އެވެ.

އެކަމަކު ސްކޫކް ގަތުމުން ލިބޭނެ ފައިދާއާއި ސްކޫކްއަކީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގެ އެވެ. ސްކޫކްއަކީ ކޮން އެއްޗެއް ހެއްޔެވެ؟ ސްކޫކް ގަތީމަ ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މި ސްކޫކް ވިއްކަނީ ކީއް ކުރަން ހެއްޔެވެ؟

ތިރީގައި އެވަނީ އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލި މުޟާރަބާ ސްކޫކް ގެ މައުލޫމާތު ދިނުމަށް އެ ކުންފުނީގެ މެނޭޖަރު އިސްލާމިކް ފައިނޭންސް، އަޒްމީން ރަޝީދު އަވަސް އަށް ދީފައިވާ އިންޓަވިއުއެއްގެ ބައެއް ޖަވާބު ތަކެވެ.

ގިނަ މީހުންނަށް ސްކޫކް އަކީ ކޮއްޗެއް ކަމެއް ނޭނގެ، ސްކޫކް އަކީ ކޮބާ؟

ސްކޫކް އަކީ އޭގެ ޒާތުގައި އެއްޗެއްގެ ޝެއާ ރަމްޒުކޮށްދޭ ސެޓްފިކެޓަކަށް ކިޔާ ނަމެއް. ބައެއް ހާލަތްތަކުގައި އެއީ މުޟާރަބާ ސްކޫކް ނުވަތަ މުޝާރަކާ ސްކޫކް ނުވަތަ އިޖާރާ ނޫނީ މުށާބަހާ ސްކޫކް ވެސް ހިމެނޭ. އެޗްޑީއެފްސީ އިން މި ފަހަރު އިއުލާނު ކުރި މުޝާރަބާ ސްކޫކް އަކީ ދެ ފަރާތުން ވެވޭ ޕާޓްނާޝިޕެއް. އެއް ފަރާތުން ފައިސާ ދިނުމަށްފަހު އަނެއް ފަރާތުން މަސައްކަތްކޮށް ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ފައިދާ ބަހާލެވޭ ގޮތަށް އެކުލަވާލެވޭ ޕާޓްނާޝިޕެއް މިއީ

އެޗްޑީއެފްސީ ސްކޫކް ކުރުކޮށް
  • ސްކޫކް ވިއްކަން ހުޅުވާލާނީ މިމަހު 12 ގައި
  • ގަތުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ
  • ސްކޫކް ވިއްކަނީ 1،000ރ. އަށް
  • ސްކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަން
  • ވިއްކާނީ 200،000 ސްކޫކް
  • ސްކޫކްގެ ފައިދާގެ 65 ޕަސެންޓް ގަތް ފަރާތައް، 35 ޕަސެންޓް އެޗްޑީއެފްސީއަށް
  • ގަންނަ ފަރާތަށް ކޮންމެ ހަ މަހަކުން 10 އަހަރު ވަންދަން ފައިދާ ލިބޭނެ
  • މިއީ ސްޓޮކް އެކްސްޗޭޖުގައި ލިސްޓްކޮށްފައިވާ ސްކޫކްއެއް

އެޗްޑީއެފްސީ އިން ސްކޫކް ވިއްކަނީ ކީއް ކުރަން؟

އެޗްޑީއެފްސީ 2004 ވަނަ އަހަރު އުފަންވިއިރު ރާއްޖޭގައި އިސްލާމިކް ފައިނޭންސެއް ނެތް. އަށް އަހަރު ކޮންވެންޝަނަލް ފައިނޭންސް ދިނުމަށްފަހު ބެލިއިރު އެނގުނީ ރާއްޖޭގެ ބޮޑުބައެއް ބޭނުންވެއޭ އިސްލާމިކް އުސޫލުން ފައިނޭންސް، އެކަމަކު އެކަމަށް އެކްސްސެސް ނެތީ. ގެދޮރު އިމާރާތް ކުރަން ބޭނުންވަނީ އިސްލާމިކް އުސޫލުން ނަމަވެސް އެ އުސޫލަށް އެކްސެސް ވެވޭނެ ގޮތެއް ނެތީ.

އެކަން އެނގިގެން 12، މެއި 2012 ގައި އެޗްޑީއެފްސީ އަމްނާ [އިސްލާމިކް ވިންގް] ތައާރަފު ކުރީ، އަޅުގަނޑުމެން ޔަގީންކޮށްދޭން ޖެހޭ އެޗްޑީއެފްސީ އަމްނާ އިން މި ފޯރުކޮށްދެނީ އޭގެ ޒާތުގައި ހަލާލް ފައިސާއެއްކަން. އެހެންވެ ނޯންނާނެ ކޮންމެ ކޮންމެ ތަނަކުން އިންޓްރެސްޓް ބޭސް ލޯނު ނަގައިގެން ދިއުމުގެ ފުރުސަތެއް. އެހެންވެ މި ސްކޫކް ވިއްކީ. ފުރަތަމަ ސްކޫކް ވިއްކީ 2013 ވަނަ އަހަރު. އެގޮތުން ލިބޭ ފައިސާ މި ބޭނުން ކުރަނީ ގެދޮރު އިމާރާތް ކުރުމާއި ބޭނުންވާ ފަރާތްތަކަށް ގެދޮރު މަރާމާތު ކުރަން ނުވަތަ ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިސާ ފޯރުކޮށްދޭން

ސްކޫކް ގަންނަ ފަރާތަކަށް ލިބޭނެ ފައިދާއަކީ ކޮބާ؟

ސްކޫކްއަކީ ރިސްކް ކުޑަ އިންވެސްޓްމަންޓެއް. ބޭންކް އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށްވުރެ ވެސް. މި ފައިސާ އަޅުގަނޑުމެން ބޭނުން ކުރާނީ ގެދޮރު އިމާރާތް ކުރަން ނުވަތަ ގަންނަން. ފައިނޭންސިން ފެސިލިޓީއަކަށް ދިއުމަށްފަހު އަޅުގަނޑުމެންނަށް ލިބޭ ފައިދާގެ 65 ޕަސެންޓް މި ފޯރުކޮށްދެނީ ގަންނަ ފަރާތައް. އެޗްޑީއެފްސީން މެނޭޖު ކުރުމާއެކު ހިއްސާ ކުރަނީ އެންމެ 35 ޕަސެންޓް.

ސްކޫކުގެ ފައިދާ ބަހާނީ ކިހިނެއް ތޯ؟

ސްކޫކް ގަންނަ ފަރާތް ތަކުން 100 މިލިއަން ގަތީމަ، މި ބޭނުން ކުރަނީ އެޗްޑީއެފްސީ އަމްނާ [އިސްލާމިކް ވިންޑޯ] ގެ ފެސިލިޓީ ތަކަށް. އެގޮތުން މި ފެސިލީޓީތަކުން ލިބޭ ފައިދާގެ 65 ޕަސެންޓް ކޮންމެ ހަ މަހަކުން އެ ފަރާތަކަށް ބަހާނެ. މާނައަކީ މިއަދު އެލޮޓް ކުރުމަށްފަހު ހަވަނަ މަހާ ހަމައަށް ފައިދާ ބެހިގެންދާނެއޭ. އެގޮތުން މުޅި އިޝޫގެ މުއްދަތަކީ 10 އަހަރަށް. އެހެންވެ 10 ވަނަ އަހަރު ނިމުމުން އަޅުގަނޑުމެން އިންވެސްޓްކޮށްފައި ހުރި އެސެޓްތައް ލިކުއިޑޭޓް ކުރުމަށްފަހު އެސެޓް ވިއްކާލާފަ ފުރަތަމަ އިނީޝިއަލް ސަބްސްކްރައިބް [ސްކޫކް ގަތް އަދަދު] ގަތް ފަރާތްތަކަށް ލިބޭނެ

މިސާލަކަށް މީހަކު ގަތީ 1،000ރ. އަށް 10 ސްކޫކު. އެެހެވީމަ ފައިދާ ބަހާއިރު އެ މީހާ އަށް ފައިދާގެ ގޮތުގައި ކިހާވަރެއް ލިބޭނެ ތޯ؟

މީހަކު ދިހަ ސްކޫކް 1،000ރ. އަށް ގަނެވިފިނަމަ އެއި 10،000 ރުފިޔާ ތާ. އާއްމުކޮށް އަޅުގަނޑުމެންގެ ފެސިލިޓީތައް މި އިންނަނީ 12.5 އިންސައްތާގެ ރޭޓުން. ކުރީގެ ސްކޫކްތަކަށް ބަލާއިރުގަ އެ އަދަދުގެ 65 ޕަސެންޓް ލިބިގެން ދާނެ. އެހެންވެ ގާތްގަނޑަކަށް 800ރ. ލިބޭނެ. މިގޮތަށް އިތުރުވާ އިތުރުވުމަކީ ޝަރިއްޔާ ހުއްދަ ކުރާ އުސޫލުން ހަލާލް ފައިސާގެ ގޮތުގައި އިންނާނީ

ސްކޫކްއެއް ގަނެވޭނީ ކޮން ކޮން ފަރާތްތަކަކަށް ؟ ސްކޫކް ގަނެ ވިއްކާލަން ބޭނުން ވުމުން ވިއްކާ ލެވިދާނެ ތަ؟

ސްކޫކް ގަނެވޭނެ އާއްމު ފަރުދަކަށް ވެސް، ކުންފުނިތަކަށް ނޫނީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ނޫނީ ބޭރުން އަންނަ ފަރާތަކަށް ވެސް. މިއީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ސްކޫކެއް. އެހެންވެ ބޭނުންވެއްޖެ ހާލަތެއްގައި އޮފް މާކެޓު ނުވަތަ އޮން މާކެޓު ޓްރާންސްފާ ރޫލްތަކާ އެއްގޮތަށް ބަދަލުކޮށްލެވޭނެ. މިސާލަކަށް 10 އަހަރު ދުވަހަށް މި ސްކޫކުގެ ތެރެއިން ފަސް އަހަރު ދުވަހުގެ ބައި ވިއްކާލަން ބޭނުންވީ. އެފަދަ ފަރާތަކަށް އެ ސްކޫކް ވިއްކާލެވިދާނެ މާކެޓުގެ ތެރޭގައި. އެ ފަރާތް ނިޔާވުން ނުވަތަ ދަރިއަކަށް ބަދަލުކޮށްލަން ބޭނުންވީ އެ ފަދަ ހާލެއްގައި އެކަން ވެސް ކުރެވޭނެ

ސްކޫކް ގަންނަން ބޭނުންވާ މީހާ އަމަލު ކުރަން ޖެހޭނީ ކިހިނެއް؟

ސްކޫކް ގަންނަން ބޭނުންވާ ފަރާތް ތަކަށް އެޗްޑީއެފްސީގެ ވެބްސައިޓުން ފޯމް ލިބޭނެ. އެ ފޯމާއެކު ބޭނުންވާ ހުރިހާ ލިޔެކިޔުން ތަކެއް އަޅުގަނޑުމެންނަށް ހުށަހަޅާފަ ސަބްސްކްރައިބް ކުރަން ބޭނުންވާ އަަދަދު އެނގީމަ އެ ކުރިއަށްދާނެ. އަޅުގަނޑުމެންގެ އެއް އެޖެންޓަކީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓްރީ އެ ތަނުގައި އެކައުންޓެއް ނެތްނަމަ ވެބްސައިޓުން ލިބޭނެ ސެކިއުރިޓީ ޑިޕޮސްޓަރީ ފޯމް

މި ސްކޫކް ގަންނަ ފަރާތަތަކަށް ވަކި ލިމިޓެއް އެބައޮތް ތޯ؟ އެންމެ މަދުން ގަނެވޭނީ ކިހާވަރެއް ތޯ؟ ނުވަތަ ގިނައިން ގަނެވޭނެ އަދަދެއް އޮވޭ ތޯ؟

ސްކޫކްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާ. އެހެންވީމަ އެއަށްވުރެ މަދުން ނުގަނެވޭނެ. މެކްސިމަމް ލިމިޓަކީ 200 މިލިއަން ރުފިޔާ. އެހެންވެ މި އަދަދު [200 މިލިއަން ރުފިޔާ] އާ ހަމައަށް ގަތުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އެބައޮތް

ޕެންޑެމިކްގެ ސަބަބުން ފައިނޭންޝަލް ބާޒާރަށް އަސަރު ކުރި ސްކޫކްގެ ފައިދާ ޕެންޑެމިކް ތެރޭގައި ބެހިތޯ؟

ޕެންޑެމިކް ހާލަތަކީ ހާއްސަ ހާލަތެއް، އެހެންވެ އުސޫލެއްގެ ގޮތުން ނުލިބޭ ފައިދާއެއް ދޭކަށް ނުޖެހޭނެ. އެކަމަކު މުޅި މާކެޓު އެއްކޮށް ހީނަރު ވެގެން ދިޔައިރު ވެސް އެޗްޑީއެފްސީ އަށް ފައިދާ ވެގެން ދިޔަ. އެހެންވެ އިންވެސްޓަރުންގެ ކޮންފިޑެންސް މެއިންޓެއިން ކުރުމާއެކީގައި ޝަރިއްޔާ ހުއްދަ ކުރާ އުސޫލުގެ މަތިން އެޑްވާންސް ޕްރޮފިޓެއް އެ ބޭފުޅުންނަށް ދިނިން

ސްކޫކް އިޝޫ ކުރުމާ ހަމައަށް އައިއިރު އެޗްޑީއެފްސީ އަދި އަމްނާގެ މާލީ ގާބިލްކަން ހުރީ ކިހިނެއް ތޯ؟

އެޗްޑީއެފްސީ އަމްނާ އަށް ނުވަ އަހަރު ވެގެންދާއިރު އެޗްޑީއެފްސީ ޕޯޓްފޯލިއޯގެ 30 ޕަސެންޓް ހިއްސާ ކުރަނީ އަމްނާ. އެޗްޑީއެފްސީ ޕޯޓްފޯލިއޯގައި ހުރި 1.8 ބިލިއަން ރުފިޔާ، މީގެ 30 ޕަސެންޓް ހިއްސާއަކީ އެޗްޑީއެފްސީ އަމްނާ. އެހެންވެ އުއްމީދަކީ މުޅި އެޗްޑީއެފްސީ އަކީ އިސްލާމިކް އުސޫލުގެ ދަށުން ފައިނޭންސް ފެސިލިޓީ ފޯރުކޮށްދޭ ތަނަކަށްވުން