އެޗްޑީއެފްސީ

އެޗްޑީއެފްސީގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު މި މަގާމަށް އައްޔަންކޮށްފައިވަނީ މ. ހަނިފަރު މުހައްމަދު ރަޝީދު އެވެ.

އޭނާ މި މަގާމަށް އައްޔަންކުރީ ކުރިން މި މަގާމުގައި ހުންނެވި ޅ. ހިންނަވަރު، ލަންދޫގެ، ޚާލިދު ސުލައިމާންގެ ބަދަލުގަ އެވެ.

މުހައްމަދު ރަޝީދަކީ ބެޗްލާ އޮފް ލޯސް، ބެޗްލާ އޮފް ބިޒްނަސް އަދި ޑިޕްލޮމާ އިން އެކައުންޓިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްޑީއެފްސީގެ ބޯޑު މެންބަރު ކަމަށް އައްޔަންކުރިއިރު މުހައްމަދު ރަޝީދު ހުންނެވީ ހުޅުމާލެ ސޯމިލްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނަރަލް މެނޭޖަރުގެ މަގާމުގަ އެވެ. މުހައްމަދު ރަޝީދު މީގެކުރިން ވަނީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖެނަރަލް މެނޭޖަރުކަމާއި ޓިމްބަ ހައުސް ޕްރައިވެޓް ލިމިޓެޑްގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2004 ވަނަ އަހަރު އުފެއްދި އެޗްޑީއެފްސީ އަކީ ހައުސިން ސްކީމުތަކަށް ކޮންވެންޝަނަލް އުސޫލުން ލޯނާއި އަދި އިސްލާމީ ޝަރީއާ ހުއްދަ ކުރާ އުސޫލުން ފައިނޭންސް ފެސިލިޓީ ވެސް ދޫކުރާ ކުންފުންޏެކެވެ.

އެޗްޑީއެފްސީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ ދިވެހި ސަރުކާރުގެ އިތުރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އިންޑިއާގެ އެޗްޑީއެފްސީ އެވެ.