އެޗްޑީއެފްސީ

ގެދޮރުވެރިޔާ ލޯނުގެ މުހިއްމު ޝަރުތެއް އުނިކޮށް ލުއި ދީފި

Jan 3, 2022
4

ރަށްވެހި ވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ ފަރާތްތަކަށް ދޫކުރަން ފެށި ލޯނުން، އެ ޝަރުތު އުނިކޮށް ލުއި ދީފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމެއްގެ ދަށުން، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ގެނައި މި ބަދަލު ގެނައުމުގެ ކުރިން އޮތް ގޮތުން މި ލޯނު ލިބޭނީ ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ ފަރާތް ތަކަށް އެކަންޏެވެ. ނަމަވެސް މިހާރު ގެނައި ބަދަލާ އެކު ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ ތިން އަހަރު ނުވިނަމަވެސް މި ލޯނު ލިބޭނެ އެވެ.

އެނގިފައިވާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެޗްޑީއެފްސީގެ މި ލޯނަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދެމުންދާތީ އެވެ. އަދި މިބަދަލުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ގިނަ ބަޔަކަށް ގެދޮރު ލޯނު ނަގަން ފުރުސަތު ފަހިވެގެންދާނެ އެވެ.

ރަށްރަށުގައި ނުހެދި ހުރި ގެދޮރު ހަދަން ދޫކުރަން ފެށި މި ލޯނު ނަގާ ފަރާތްތަކަށް ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓް ނުވަތަ ގެއަކަށް ކުރިމަތިލެވޭނީ 10 އަހަރު ފަހުންނެވެ.

މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. އެއީ ހަ ޕަސެންޓް އިންޓްރެސްޓްގަ އެވެ. ގެދޮރުވެރިޔާ ލޯނު ސްކީމްގެ ނަމުގައި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ތައާރަފް ކުރާ ލޯނެކެވެ.

މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާ އަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާ އަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ.

މި ލޯނަށް އެންމެ ގިނަ ވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6،000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. 15 އަހަރަށް ބަހާލައިގެން ދައްކާނަމަ މަހަކަށް ދައްކަން ޖެހެނީ 5،907 ރުފިޔާ އެވެ. 16 އަހަރުން ނަމަ 5،680 ރުފިޔާ އެވެ. 17 އަހަރުންނަމަ 5،482 ރުފިޔާ ދައްކަން ޖެހެ އެވެ. 18 އަހަރުން ދައްކާނަމަ މަހަކަށް ޖެހެނީ 5،307 ރުފިޔާ އެވެ. އަދި 19 އަހަރުން ދައްކާނަމަ 5،153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5،015 ރުފިޔާ އެވެ.