މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެހެން ޕާޓީއެއްގެ ފަހަތަށް އެމްއެންޕީ ނާރާނެ، އިންތިހާބު ނަގާނީ އެއްބުރުން: ނާޒިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަށް އަރާ މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ އެއް ފައުންޑާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އަވަސްއިން މިއަދު އަލަށް ފެށި "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެނެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީ ވުޖޫދު ކުރަން ނިންމީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ގައުމީ ފިކުރެއް މުހިންމު ވެއްޖެ ކަމަށް ގަބޫލު ކުރެވުމުން ކަމަށެވެ.

މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކަށް ރައްޔިތުން އެދޭ މިސްރާބަށް ދަތުރު ނުކުރެވުނު ކަމަށާ އެމްއެންޕީ 2023 ގެ އިންތިހާބަށް ކެންޑިޓޭޓަކު ނެރެން ނިންމީ ރައްޔިތުން އެދޭ ފަދަ ހިތްފަސޭހަ އަމާން އަދި އުފާވެރި ދިރިއުޅުމެއް އޮތް ގައުމަކަށް ރާއްޖެ ބަދަލު ކޮށްލުމަށް ކަމަށެވެ.

ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ނެރެން ނިންމި ނިންމުން ބަދަލުވެ އެހެން ސިޔާސީ ޕާޓީއެއްގެ ފަހަތުގައި މަސައްކަތް ކުރާނެ އެއްވެސް ހާލަތެއް ކުރިމަތިވެދާނެތޯ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އެއީ އަންނާނެ ހާލަތެއް ނޫން ކަަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރާ ކޯލިޝަނެއްގައި ބައިވެރި ނުވާނެ ކަމަށެވެ. ކޯލިޝަނެއް އުފައްދަން ޖެހިއްޖެ ހާލަތެއްގައި ކޯލިޝަންގެ މައި ޕާޓީއަކަށް ވާނީ އެމްއެންޕީ ކަމަށެވެ. އަދި ވިދާޅުވީ 2023 ގެ އިންތިހާބަށް އެ ޕާޓީގެ އަމާޒަކީ "އެއްބުރުން" އިންތިހާބު ނެގުން ކަމަށެވެ.

"އަޅުގަނޑުމެން ވަަރަށް އުންމީދާއެކީ މި ނުކުތީ، އިރާދަ ކުރެއްވިއްޔާ ރިޔާސީ އިންތިހާބުގައި ފުރިހަމަ ކާމިޔާބެއް ހޯދާނަން. އަޅުގަނޑުމެން ފަަހަތަށް އެހެން މީހުން އަރަން ޖެހޭނީ. އަޅުގަނޑުމެންނެއް އެއްވެސް ބައެއްގެ ފަހަތަކަށް ނާރާނަން. އަދި އަޅުގަނޑުމެންނަށް ކޯލިޝަން ހަދަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ފަހަތަށް ޕާޓީތައް އަރާ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންވާނީ އެންމެ މަތިން ނަތީޖާ ނެރޭ ބައެއްގެ ގޮތުގައި. އެހެން ބަޔަކާއެކު އަޅުގަނޑުމެން ކޯލިޝަނެއް ނުހަދާނެ. ކޯލިޝަން ހަދަން ބޭނުންނަމަ އެބަޔަކު އަޅުގަނޑުމެންނާއެކު ކޯލިޝަން ހަދާނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. އެ އުންމީދުގައި މި ނިކުތީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ،" ކުރީން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަަރަށް އުންމީދާއެކީ މި ނިކުތީ، އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގައި ފުރިހަމަ ކާމިޔާބެއް ހޯދާނަން. އަޅުގަނޑުމެން ފަަހަތަށް އެހެން މީހުން އަރަން ޖެހޭނީ. އަޅުގަނޑުމެންނެއް އެއްވެސް ބައެއްގެ ފަހަތަކަށް ނާރާނަން. އަދި އަޅުގަނޑުމެންނަށް ކޯލިޝަން ހަދަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އަޅުގަނޑުމެންގެ ފަހަތަށް ޕާޓީތައް އަރާ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންވާނީ އެންމެ މަތިން ނަތީޖާ ނެރޭ ބައެއްގެ ގޮތުގައި. އެހެން ބަޔަކާއެކު އަޅުގަނޑުމެން ކޯލިޝަނެއް ނުހަދާނެ. ކޯލިޝަން ހަދަން ބޭނުންނަމަ އެބަޔަކު އަޅުގަނޑުމެންނާއެކު ކޯލިޝަން ހަދާނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. އެ އުންމީދުގައި މި ނިކުތީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ
މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެއް ފައުންޑާ

ނާޒިމް ވިދާޅުވީ އެމްއެންޕީ ފަހަތަށް ޖެހި އެހެން ސިޔާސީ ފިކުރަކަށް ޖާގަ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސިޔާސީ މައިދާނުގައި ބަސް ވިކޭ ވަރުގަދަ ސިޔާސީ ޕާޓީތަކަށް ވެރިކަން ކުރަން ފުރުސަތު ލިބިއްޖެ ކަމަށާ ނަމަވެސް ކޮންމެ ފަހަރަކުވެސް ރައްޔިތުންނާމެދު ކަންކަން ވެގެން ދަނީ ވަރަށް ހިތްދަތި ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެން މި ނިކުތީ ގައުމީ ފިކުރެއްގައި. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އެ އުފާވެރިކަން ގެނެސްދޭން މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ ޕާޓީގެ ޕޮލިސީތައް ހުންނާނީ ރައްޔިތުން ހިތް އެދޭ ގޮތަށް. ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ގޮތަށް. ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތަށް އަދި ފުއްދުންތެރި ދިރިއުޅުމެއް ލިބޭނެ ގޮތަށް،"

އެމްއެންޕީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި އޮތް އެތެރޭގެ ޑިމޮކްރަސީވެސް އެންމެ ވަރުގަދަ ޕާޓީއަށް ކަމަށެވެ. ޕާޓީގެ ލީޑަރުގެ މަގާމުގައި ބޭފުޅަކަށް ހުންނެވީ އެންމެ ގިނަ ވެގެންވެސް ފަސް އަހަރުގެ ދެ ދައުރުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމްއެންޕީގެ އެއްވެސް މަގާމަކަށް އިންތިހާބެއް ނެތި އެއްވެސް މީހަކަށް ނާދެވޭނެ ކަމަށެވެ. "ތަބަކަކަށްލާ" މަގާމު ދިނުން ހުއްޓުވާނެ ޕާޓީއަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ޑިމޮކްރަސީގެ އުސޫލުތަކާއެކު ތިންވަނަ ޕާޓީ އަކަށް އޮބްޒާވު ކުރުމުގެ ފުރުސަތު ދެވިގެން ކުރިއަށް ގެންދެވޭ ހަރަކާތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ޕާޓީގައި އެބައޮތް އުންމީދެއް. އެއީ ކޮންމެ މީހަކަށްވެސް އެންމެ މަތީ މަގާމަށްވެސް ވާސިލުވޭނެ މަގު ވަނީ ތަނަވަސްކޮށް،" އެމްއެމްޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.