ޕޮލިޓިކްސް

ނާޒިމްގެ ޕާޓީގެ ލޯގޯ އާންމުކޮށްފި

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލޯގޯ އާންމުކޮށްފި އެވެ.

އެ ޕާޓީގެ ޓުވިޓާ ހޭންޑްލްގައި މިއަދު އާންމުކުރި ލޯގޯ އިން ފެންނަނީ ގަދަ ނޫ ކުލަ އާއި ފެހި އަދި ހުދު ކުލަ އެވެ.

ހުދު ބޮޅެއްގެ ތެރޭގައި ވަށްކޮށް ފެހިކުލައިގެ ފަންވަތްތަކެއް ހުރިއިރު ދެން ހުރީ ހުދު ކުލައިގެ ތަރިތަކެކެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނޯ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށެވެ.

އުޝާމް ކުރިން ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އޭނާއަށް އީސީއިން ހުއްދަ ދިން ނަމަވެސް އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހިމެނެ އެވެ.

އެމްއެންޕީ އުފައްދަން ހުށަހެޅުއްވީ 3،000 މެންބަރުންގެ ސޮއި ވެސް ހޯދުމަށްފަހު އެވެ.

ނާޒިމާއި ރިޔާޒު ސިޔާސީ މަސައްކަތްތަކަށް ނުކުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި އެ ދެ ބޭފުޅުންގެ ބޮޑު ހިއްސާއެއް އޮތް ކަމަށް ކުރެވުނު ތުހުމަތުތަކާއެކު އެވެ. ނާޒިމް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފަ އެވެ.

މަޖިލިސް މެންބަރަކަށް އިންތިހާބުވުމުގެ ކުރިން އުޝާމް ވަނީ ސޮލިސިޓާ ޖެނަރަލްގެ މަގާމާއި ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމު އަދާކުރައްވާފަ އެވެ.