މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީއަށް ތަފާތެއް ދެއްކިދާނެތަ؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ރާއްޖޭގައި އޮތީ މައިގަނޑު ސިޔާސީ ދެ ފިކުރެވެ. އެއީ ގިނަ ދިވެހިން ގަބޫލު ކުރުން އޮތް ގޮތެވެ. އަދި އެއީ މިވަގުތަށް ފެންނަން އޮތް ހަގީގަތްވެސް މެއެވެ. އެއީ ރައީސް މުހައްމަދު ނަޝީދު ވިސްނުން އިސްކޮށް އޮތް އެމްޑީޕީ އާއި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުމަށް އިސްކަން އޮތް ޕީޕީއެމް އެވެ. ދެން ހުރީ ކުދި ސިޔާސީ ޕާޓީތަކެކެވެ. ޖުމްހޫރީ ޕާޓީގައި ނޫނީ 10،000 މެންބަރުންވެސް ހަމަނުވެ އެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ބޮޑު ފުރޮޅުމަކަށް ފަހިވަމުންދާ މިދަނޑިވަޅުގައި އާ ސިޔާސީ ޕާޓީތައް ރޭހުގައި ވާދަ ޖަހަން އަންނަނީ ފޫގަޅަމުންނެވެ. ސިޔާސީ މައިދާނުގެ ބޮޑު ފޮރުޅުމުން ފުރުސަތު ހޯދާ، މަންޒަރު ބަދަލުކޮށްލަން ބައެއް ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އެއް ޕާޓީއަކީ ރޭ ވުޖޫވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

އެމްއެންޕީ އުފެދިގެން އައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެގެންނެވެ. ނަމަވެސް ހަތް މެންބަރުން ފެށި ބަހުސްގައި ޕާޓީ އުފެއްދުމުގެ ހިޔާލާ ހަމައަށް ވަޑައިގެންނެވުނީ ފަސް މެންބަރުންނަށެވެ. ޕާޓީ އުފެއްދުމުގެ ޖަލްސާއާ ހަމައަށް ތިން މެންބަރުންނެވެ. ޕާޓީ ވުޖޫދަށް އައިސްފައި ވަނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް، ޕާޓީގެ މެދު ދެކުނު ރީޖަންގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި މެދު ރީޖަންގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިސްވެ ކުރެއްވި މަސައްކަތުންނެވެ. މި ވޭތުވެދިޔަ ދެ މަހެއްހާ ދުވަސްތެރޭގައި ޕާޓީ އުފެއްދުމަށް ބުރަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ. ޕާޓީގައި މިހާރު ވެސް 5700 މެމްބަރުން ރަޖިސްޓްރީވެފައިވާއިރު، އެ ޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމެވެ.

އެމްއެންޕީގެ އަސާސީ ގަވާއިދު ވެސް އެހެން ޕާޓީތަކާއި ތަފާތެވެ. އެންމެ ފާހަގަކޮށްލެވެނީ ޕާޓީގެ މަގާމުތަކަށް އިންތިހާބުކުރާ މެމްބަރުންނަށް ފަސް އަހަރުގެ ދެ ޓާމަށްވުރެ ގިނަ ދުވަހު މަގާމުގައި ނުތިބެވޭނެ ކަމަށް ކަނޑައަޅާފައި އޮތުމެވެ. ރާއްޖޭގެ ސިޔާސީ މާޒީއަށް ބަލާއިރު ސިޔާސީ ޕާޓީތަކުގައި ރައީސަކީ، ލީޑަރަކީ އަދި ޒައީމަކީ ވެސް ޕާޓީ އުފައްދާ އިސް ބޭފުޅެވެ. އެ ނޫން ބޭފުޅަކު އެ މަގާމަށް އައުމަކީ ވަރަށް ނާދިރު ކަމެކެވެ. އެ ނޫން ގޮތެއްވެއްޖެނަމަ ޕާޓީގައި ބައިބައިވުން އުފެދި ހިޔާލު ތަފާތުވުން އުފެދި ފަޅައިގެންދެ އެވެ. ޑީއާރުޕީ އާއި ޕީޕީއެމަށް ވީ އެގޮތެވެ. އެންމެ ބޮޑު އެމްޑީޕީއަށް ވެސް ގޮތެއް ވެދާނެ ކަމުގެ ނިޝާން މިހާރު އެ ފެންނަނީ އެހެން ވީމަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއި އެކީ ރައީސް ނަޝީދުގެ އަތްޕުޅުން ބައެއް ކަންކަމުގެ ބާރު ގެއްލުނީ އެވެ. އެކަން ބަލައިގަންނަން ނަޝީދަށް ފަސޭހަ ފުޅެއް ނުވި އެވެ. މިހާރު އެފެދި ބޮޑުވެފައި އެ ވަނީ އެ ވާދަވެރި ކަމެވެ. ޑީއާރުޕީ ފައްތާލާ ޕީޕީއެމް އުފައްދަން ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްނެންގެވީ އެ ޕާޓީގެ ކޮންޓްރޯލް ތަސްމީން ނެންގެވުމުންނެވެ.

އޭގެ ފަހުން ޕީޕީއެމުން މައުމޫން ދުރުކޮށް ރައީސް ޔާމީން އެ ޕާޓީގެ ކޮންޓްރޯލް ނެންގެވީ އެވެ. މައުމޫނަށް ޖެހިވަޑައިގަތީ އަނެއްކާވެސް އައު ޕާޓީއެއް އުފައްދަވާށެވެ. ނަމަވެސް އެ ޕާޓީ ބޮޑުކޮށް ވަރުގަދަ ކުރެވޭ ގޮތެއް ނުވެ އެވެ. ޕާޓީގެ ފުރަތަމަ ދެ އަހަރު ނިމިގެން ދިޔައީ މެންބަރުންގެ އަދަދު 3،000 އިން މަތި ނުކުރެވި އެވެ.

އެހާ ހިލާފަށް ޕީޕީއެމް ވަރުގަދަ ބޮޑުވި އެވެ. ރައީސް މައުމޫނަށް އެ ޕާޓީގެ މެންބަރުންގެ މެދުގައި އޮތް މަގާމު ރައީސް ޔާމީން ހޯއްދަވައިިފި އެވެ. މިއަދު ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ޕީޕީއެމް އާއި ޕީއެންސީގެ ކޮންޓްރޯލްވެސް އޮތީ އެމަނިކުފާނަށެވެ. ޕާޓީގެ ލީޑާޝިޕުގެ އެއްވެސް ބޭފުޅަކަށް ޔާމީން ނޫން އެހެން ބޭފުޅެއް ވެރިއެއްގެ ގޮތުގައި ހުންނަވާނެ ދުވަހެއްވެސް ފެނިވަޑައިނުގަންނަވަ އެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތަސް ދުލަށް އެ ބަހެއް ގެނެސް ބޭރުކޮށް ލެވޭނެ ބާރެއް ނެތެވެ. ވިދާޅުވަނީ ހުންނަވާނީ ޔާމީން ބެހެެއްޓެވި ހިސާބެއްގައި ކަމެވެ. ރިޔާސީ ކެންޑިޑޭޓަކީ އަދި ދެ ޕާޓީގެ ވެރިއަކީ ވެސް ޔާމީން ކަމެވެ.

ދެން އޮތީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގެ ނަމުގެ ކުރީންވެސް އަންނަނީ ގާސިމްގެ ނަމެވެ. ގާސިމް ބޭނުންފުޅުވުމުން ޕާޓީ "ނިންދަވަ" އެވެ. ކަމެއް ޖެހިވަޑައިގަތުމުން "ހޭލައްވަނީ" ގާސިމްގެ އޯޑަރަށެވެ. އެއީވެސް އެމަނިކުފާނު އަންގަވާ ވަގުތުކޮޅަކަށް ނުވަތަ ދުވަސް ކޮޅަކަށެވެ. އެ ފާޑުކިޔުންތަކަށް ގާސިމް ވިދާޅުވަނީ "ޕާޓީ ނިންދަވަން" ޖެހެނީ ވެރިމީހާގެ އަނިޔާވެރިކަން ފޯރާތީ އެވެ. ޖޭޕީ ހަރަކާތް ބޮޑުވެއްޖެނަމަ ގާސިމްގެ ވިޔަފާރި ފުނޑާލަނީ ކަމަށެވެ. ދަރިންނާއެކު ގެންގޮސް ޖަލަށް ލައްވަނީ އެވެ. އެހެންވީމަ އިންތިހާބެއް އަންނަން ދެން މަޑުން ހުންނަވަނީ އެވެ.

ގާސިމް އެ ވިދާޅުވަނީ ތެދަކަށް ވެދާނެ އެވެ. ކަން ހިނގަނީ އެ މަގުން ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް އެއީ ސިޔާސީ ޕާޓީގެ ނިޒާމު އޮތް ގޮތެއް ނޫނެވެ. އެކަން އެ މަގުން ހިނގައިގެންވެސް ނުވާނެ އެވެ.

އެ ހުރިހާ ކަމެއް ފާހަގަކޮށް ފާޑުކިޔަމުން މުޅިން އައު ސިޔާސަތުތަކަކާއި އެކީ އެމްއެންޕީ ވުޖޫދަށް ގެނެސް އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ ވަނީ ބާއްވާފަ އެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަކަން އިއުލާނު ކުރަމުންނެވެ. އަދި އެއީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށް ބުނަމުންނެވެ. އެންމެ ލީޑަރެއްގެ ފަހަތުން ނުހިނގާނެ ކަމަށް ވައުދުވަމުންނެވެ. "ތަބަކަކަށް" ލާފައި ދޭނެ އެއްވެސް މަގާމެއް އަދި އެއްވެސް އެއްޗެއް ނޯންނާނެ ކަމަށްވެސް ބުނަމުންނެވެ.

ޕާޓީގެ އެއް ކޯ ފައުންޑާ ކަމަށްވާ ރިޔާޒް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މާޒީއަށް ބަލާއިރު މިހާތަނަށް އުފެދުނު ހުރިހާ ސިޔާސީ ޕާޓީއެއް ވެސް އުޅެނީ ކޮންމެވެސް މީހެއްގެ ފަހަތުން ކަމަށެވެ. އެހެންކަމުން އެ ޕާޓީތަކުގައި އިސްކުރެވެނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އެ ޕާޓީތަކުން ރައްޔިތުން ބާރުވެރިކުރުމުގެ ބަދަލުގައި މުޅީންވެސް އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތު ކަމެވެ. އެމްއެންޕީއަކީ އެ ސިޔާސަތުތަކާ މުޅިން ދެކޮޅު ޕާޓީއެއް ކަމެވެ. އެކަން ދައްކާނީ އަމަލާއި ބަހުން ކަމަށްވެސް ވިދާޅުވެ އެވެ.

ޕާޓީގެ ނުފޫޒުގަދަ ފަރާތެއް ބޭނުންވެގެން ސުލޫކީ ކޮމިޓީއެއް މެދުވެރިކޮށް މި ޕާޓީގެ އެއްވެސް އިންތިހާބުވެފައިވާ މެމްބަރަކު ވަތްކެއް ނުކުރެވޭނެ. ޕާޓީގެ ކައުންސިލްގަ އާންމު މެމްބަރުންގެ ރުހުމާ ނުލާ ހަމަ އެއްވެސް މެމްބަރަކަށް ނުހުރެވޭނެ. ތަބަކަކަށްލާފަ ދޭނެ އެއްވެސް އެއްޗެއް މި ޕާޓީގައި ނޯންނާނެ،
އަބްދުﷲ ރިޔާޒް | އެމްއެންޕީގެ މެދު ދެކުނު ރީޖަންގެ ނައިބު ރައީސް

އެމްއެންޕީ އިން އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްދޭނެ ކަމުގެ ވައުދު ރޭ ވެފައިވެ އެވެ. އެ ޕާޓީގެ ވެރިކަމެއްގައި ގެދޮރުވެރިކަމާއި ރައްޔިތުން ބާރުވެރިކުރުމާއި، ހަމަހަމަ ކަމާއި، ސަރުކާރުން ހިދުމަތް ހޯދުމަށް ސަލާން ޖަހަން ނުޖެހޭ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށެވެ. އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމާއި މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސް ޖެހުމެއް ނެތި ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެއްވެސް ގައުމެއްގެ ދަށަށް ރާއްޖެ ނުދާނެ ކަމަށް ބުނަމުންނެވެ. ބޭރުގެ އަސްކަރިއްޔާގެ އެކަކަށްވެސް އެ ޔުނީފޯމްގައި އަސްކަރިއްޔާއެއް ތަމްސީިލުކޮށްދޭން ނުހުރެވޭނެ ކަމަށްވެސް ވައުދުވަމުންނެވެ.

ދީނީ ގޮތުން ހަމަޖެހުން އޮންނަ އަދި މާތްވެގެންދާ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެއްްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަކީ އަޅުގަނޑުމެންގެ އިސް ވާޖިބު. ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓާ ބައިނަލްއަގްވާމީ މުޖްތަމައުގައި ފުރިހަމަ މިނިވަންކަމާ އެކުގައި ރަމުޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ވަކި ގައުމަކަށް ބޯނުބަލާ ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ހުރިހާ ގައުމަކާވެސް އެކުވެރި ބާރުގަދަ ގައުމަކަށް ރާއްޖެ ހެދުމަކީ އަޅުގަނޑުމެންގެ ދަނޑުދަނޑި. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް
ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފައުންޑަރު

އެމްއެންޕީ އިން އިސްކަންދޭ މައިގަނޑު 10 އަސާސް

  • އިސްލާމީ ރިވެތި އަގީދާގައި ސާބިތުވެ 100 ޕަސަންޓް އިސްލާމީ ދައުލަތެއް ދެމެހެއްޓުން
  • ބައިނަލްއަގްވާމީ މުޖުތަމައުގައި ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން އަމިއްލަ ގައުމެއް ދެމެހެއްޓުން
  • ކަރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތެއް އަދި ރައްޔިތެއް ބިނާކުރުން
  • ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކުރުން
  • ހުރިހާ ދިވެހިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ކަށަވަރުކުރުން
  • ދިރިއުޅުމަށް ހިތްފަސޭހަ ގެއެއް ކަށަވަރުކޮށްދީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ގައުމެއް ބިނާކުރުން
  • ވަޒީފާގެ ފުރުސަތު ހޯދައިދީ މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ ސިޔާސަތު ފަހިކޮށްދިނުން
  • ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ބާރުވެރިކުރުވުން
  • ރާއްޖޭގެ ސަރަހައްދީ އިމަކީ އަމާނާތެއްގެ ގޮތުގައި ދެކި އުމުރާނީ އަދި އިގްތިސޯދީ ތަރައްގީއަށް އިސްކަން ދިނުން
  • ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިކުރުވުމަށްޓަކައި ހުނަރުވެރި އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުން

ނަމަވެސް މިއިން ވަރަށް ގިނަ ކަންކަމަކީ ރައްޔިތުން މީގެ ކުރީންވެސް އަޑު އަހާފައިވާ ވާހަކަތަކެވެ. ތަފާތަކީ އެހެން ކުލަކުލައިގެ ޕޯޑިއަމްތަކުން އެހެން ލީޑަރުންގެ ދޫފުޅުތަކުން އަޑުއިވިފައިވުމެވެ.

ކޮންމެ ބޮޑު އިންތިހާބަކާއި ދިމާކޮށް ރައްޔިތުންނަށް އޮންނަނީ މިފަދަ ވައުދުތަކުގެ އަޑު އެހުމެވެ. އެހެންވީމަ އެމްއެންޕީން ރޭ ދެއްކި ވާހަކަތައްވެސް ރައްޔިތުންނަށް އިވިއްޖެ އެވެ. ބައެއް ރައްޔިތުން އުންމީދާއެކު ޝައުގުވެރިކަމާއެކު އަޑުވެސް އަހައިިފި އެވެ.

ނަމަވެސް އަސްލު ސުވާލު އަދި އޮތީ ކުރިއަށެވެ. ވެވުނު ވައުދުތައް ފުއްދޭނެ ހެއްޔެވެ. އެ ވައުދުތައް ފުއްދުމަށް ކުރާނީ ކީއް ހެއްޔެވެ. އެންމެ ކުޑަމިނުން ވައުދެއް ވެވުނުކަންވެސް ހަނދާން ހުންނާނެ ބާވަ އެވެ. ރައްޔިތުން ތިބީ އެކަންކަމަށް ފާރަވެރި ވެގެންނެވެ.