ޕޮލިޓިކްސް

މަޖިލީހުގެ މައިނޯރިޓީ އަނބުރާލެވިދާނެތަ؟

ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ތަފާތު ފުރޮޅުމަކަށް ދިއުމުގެ މަގުމަތީގައިވާ ކަމަށް ދެކޭ މީހުން މިހާރު މަދެއް ނޫނެވެ. އެ ވިސްނުމުގައި ތިބި ގިނަ މީހުންގެ ނަޒަރުގައި ސިޔާސީ މައިދާނަށް މިފަހަރު ބަދަލު ގެންނާނީ އަލަށް އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު ގުޅިގެން ފަށާފައިވާ އެ މަސައްކަތް ބާރަށް އެބަ ހިނގައެވެ. ދިހަ ހާސް މެންބަރުން ހަމަކޮށް އެ ޕާޓީން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ޝަރަފުވެސް ހޯދާށެވެ. އެކަން އެހެން ވެއްޖެނަމަ ސިޔާސީ މައިދާނަށް އަންނާނެ ކަމަށް ބަޔަކު އެދެކޭ ސިޔާސީ ބޮޑު ފުރޮޅުމުގެ ފެށުމަށް އެކަން ވެދާނެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަަމުގައި އުފައްދަން މަސައްކަތް ފަށާފައިވާ ސިޔާސީ ޕާޓީގެ އަޑު ވަރަށް ގަދައެވެ. ޕާޓީ ވުޖޫދުވުމުގެ ކުރީން މިހާރުވެސް ޕާޓީ އުފެއްދުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ވާދަވެެރިންގެ ބަހުގެ ހަމަލާތައް ވަނީ އަމާޒުވާން ފަށާފައެވެ. ތަފާތު އެކި ތުހުމަތުތައްވެސް އެބައޮތެވެ.

އިދިކޮޅު ކޯލިޝަނުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލްވުމެއްގައި އަދި ކޮންމެ ޖަލްސާއެއްގައިހެން އެމްއެންޕީގެ ވާހަކަ އޮވެއެވެ. އެ ޕާޓީ ލީޑުކުރައްވާނެ ކާނަލް މުހައްމަދު ނާޒިމަށް ފާޑު ވިދާޅުވެއެވެ. އަދި ނާޒިމްއާއެކު ދެން ތިއްބެވި މެންބަރުންނަށްވެސް ފާޑު ކިޔުން އަމާޒުވެެއެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި އެމްއެންޕީއަކީ ރައީސް ސޯލިހުގެ ވިސްނުންފުޅަށް އުފައްދާ ޕާޓީ އެކެވެ. އިދިކޮޅުގެ ބައެއް އެެހެން ބޭފުޅުންގެ ނަޒަރުގައި އެއީ ޖުމްހޫރީ ޕާޓީ ތެރެއިން ހޯއްދަވަން މަސައްކަތް ކުރެއްވި ފުރުސަތު ލިބިވަޑައިނުގެންނެވުމުން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެކެވެ. މިފަދަ އެތައް ވާހަކަތަކެއް އެމްއެންޕީއާ ގުޅޭގޮތުން ދަނީ ދެކެވެމުންނެވެ.

ޕާޓީ އުފެއްދުމަށް ކުރަމުން ގެންދާ މަަަސައްކަތްތަކުގެ އެކި ތަފްސީލު އެ ޕާޓީން ކޮންމެ ދުވަހަކުވެސް އާންމު ކުރަމުން ގެންދެއެވެ. ޕާޓީން ގެންގުޅޭގެ އުސޫލުތަކާއި ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަން ހިއްސާ ކުރެއެވެ. އަދި ޕާޓީ އުފެއްދުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ގެންދަވަނީ ޕާޓީގެ ވިސްނުމާއި އެ ޕާޓީ ހާސިލުކުރަން އަމާޒު ހިފާފައިވާ ކަންކަމުގެ ތަފްސީލު ދެއްވަމުންނެވެ.

އެމްއެންޕީގެ ފުރަތަމަ ނޫސްވެެރިންގެ ބައްދަލްވުމުގައި އެ ޕާޓީ ލީޑު ކުރައްވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ޕާޓީ އުފައްދަނީ 2023 ގެ ރިޔާސީ އިންތިހާބަށެވެ. ޕާޓީގެ އަމާޒަކީ 2023 ގެ ވެރިކަމެވެ. އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ޕްރައިމަރީ ބާއްވާނެ އެވެ. އަދި ޕްރައިމަރީން ކަނޑައަޅާ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކޮށް ކާމިޔާބުވެސް ހޯއްދާނެ އެވެ. އެކަމުގެ ޔަގީން ކަމާއި އިތުބާރު އޮތް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެއެވެ.

އޭގެ ކުރީން އެ ޕާޓީގެ އެހެން އަމާޒުތަކެއްވެސް ވެއެވެ. އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ރަނގަޅު ތަމްސީލުވުމެއް އޮތުމެވެ. ނާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުވެސް އެ ފުރުސަތު އޮތީ ތަނަވަސްކޮށް ހުޅުވިފައެވެ. އެމްއެންޕީ ވުޖޫދުވެގެން އަންނަނީވެސް ފަސް މެންބަރުންނާއެކު އެވެ. ފުރަތަމަ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ފަސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއީ ކާނަލް ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮޓާ) އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އަދިވެސް އެ ޕާޓީއާއެކު މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ. ނާޒިމް ދެއްވާ ޔަގީން ކަމަކީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ މަސައްކަތް ފެށިގެން ދާނީ މިހާރު ތިބި މެންބަރުންނަށްވުރެ އިތުރު އަދަދަކުން ކަމެވެ. އެމްއެންޕީގެ ހިސާބަކީ އެ ޕާޓީގެ ޕީޖީ ގުރޫޕްގައި ހަތް މެންބަރުން ތިބުމެވެ.

މަޖިލީހުގައި އެ ޕާޓީއަކީ މައިނޯރިޓީ ޕާޓީއަށް ވެގެން ދިއުމެވެ. އޭރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ވުރެ ސިޔާސީ ގޮތުން ވަރުގަދަ ވެގެންދާނެ އެވެ. ނާޒިމް އާއި އެމްއެންޕީގެ އަމާޒަކީ އަދި ވިސްނުމަކީ އެއީއެވެ.

ނަމަވެސް އެމްއެންޕީއަށް އެ ފުރުސަތު ލިބިދާނެތޯ ސުވާލު އުފައްދާ އެތައް ބަޔަކުވެސް އެބަތިއްބެވެ. އެ ފުރުސަތު އެ ޕާޓީއަށް ނުލިބޭނެ ކަމަށް އިދިކޮޅު ދެ ޕާޓީގެ މަޖިލީސް މެންބަރުން ގެންދަވަނީ ވަރަށް ޔަގީން ކަމާއެކު ވިދާޅުވަމުންނެވެ. އަދި ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި އެއީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ނޫނެވެ. މަޖިލީސް ގަވާއިދު އެކަމަށް ތަނެއް ނުދެއެވެ.

ނަމަވެސް އެއީ މަޖިލީސް ގަވާއިދު ކުރީން އޮތެވެ. މަޖިލީސްގެ ގަވާއިދުގައި ކުރީން އޮތް ގޮތުން މަޖިލީހުގައި ގާނޫނީ ގޮތުން ތަމްސީލު ކުުރުމުގެ ފުރުސަތު ލިބޭނީ އިންތިހާބުގައި ވާދަކޮށް އެ ޕާޓީއަކުން ކެންޑިޑޭޓަކު ހޮވިފައިވާ ނަމައެވެ. ނަމަވެސް މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ ގަވާއިދު އޮތީ އެގޮތަކަށް ނޫނެވެ.

މަޖިލީހުގެ ގަވާއިދުގެ 12 ވަނަ ބާބު ކަަމަށްވާ ސިޔާސީ ޕާޓީތަކުގެ ދައުރު ހިމަނާފައިވާ 33 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށް ބަލާނީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އާންމު އިންތިހާބަށް ކުރިމަތިލައިގެން ހޮވިފައިވާ މެންބަރުންނާއި އަދި މަޖިލީހަށް އިންތިހާބުވުމަށް ފަހު އެެހެން ޕާޓީއަކާއި ގުޅި އެ ޕާޓީއެއްގެ ނަމުގައި ތަމްސީލުވުމަށް އެދޭ މެންބަރުންނަށެވެ.

އެފަދަ މެންބަރުން އެކަމަށް އެދި ހުށައެޅުން އެއީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮތް ޕާޓީއެއްނަމަ އެ ފުރުސަތު މަޖިލީހުން ދޭނެއެވެ. އަދި އެ ޕާޓީއަކީ މަޖިލީހުގައި އެހާ ތަނަށް ނުހިމެނޭ ޕާޓީއެއްނަމަ އެ ޕާޓީގެ ނަމުގައި ތަމްސީލުވުމަށް އެދޭ މެންބަރުންގެ އަދަދު ތިން މެންބަރުންނަށްވުރެ އިތުރުވާން ޖެހެއެވެ. އެ އަދަދު ފަހުން ބަދަލުވެ ތިން މެންބަރުނަށްވުރެ މަދުވެއްޖެނަމަ އެ ހައިސިއްޔަތު ގެއްލޭނެ އެވެ.

އެހެންވީމަ އެމްއެންޕީއަށް މަޖިލީހުގައި ތަމްސީލުވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

މަޖިލީސްގެ ގަވާއިދު ބަދަލުވެ މަޖިލީހުގައި ތަމްސީލު ވުމުގެ ފުރުސަތު އަލަށް އުފައްދާ ޕާޓީއަށް ލިބުނު ނަަމަވެސް އިދިކޮޅު ކޯލިޝަން އޮތީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަގަބު ދިފާއުކުރަން ތައްޔާރުވެގެންނެވެ.

މަޖިލީހުގައި ތަމްސީލުވާ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންް އޮތީ އެ ކޯލިޝަންގެ ލަގަބު ދިފާއުކުރަން ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ޕީޕީއެމްގައި ތިބީ ހަ މެންބަރުންނެވެ. ޕީއެންސީގައި ތިން މެންބަރުންނެވެ. ޖުމްލަ ނުވަ މެންބަރުންނެވެ. ނަމަވެސް އެމްއެންޕީގައި ހަތް މެންބަރުން ހަމަވެއްޖެނަމަ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަގަބު ޕީޕީއެމަށް ގެއްލޭނެ އެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެކަން އެެހެންވުމުގެ ފުރުސަތެއް ނުދޭނެ އެވެ.

"އަޅުގަނޑުގެ ވާހަކައަކީ އެ އުފައްދަން އުޅޭ ކަަމަށް ބުނާ ޕާޓީއަށް މައިނޯރިޓީ ޕާޓީއަށްވުމުގެ ފުރުސަތު ލިބޭނީ މަޖިލީހުގެ 10 މެންބަރުން އެ ޕާޓީއާ ގުޅިގެން. އެ ޕާޓީއަށް ހަ މެންބަރުންނަށްވުރެ އިތުރުވެއްޖެނަމަ އަޅުގަނޑުމެންގެ [ޕީއެންސީ] ގެ ތިން މެންބަރުން ޕީޕީއެމާއި ގުޅިގެންވެސް މައިނޯރިޓީ ދަމަހައްޓާނަން. އަޅުގަނޑުމެން މިއީ އެއް ބައެއް، އެއް ފިކުރެއް، އެއް ވިސްނުމެއް. އެހެންވީމަ އެއް ބަޔަކު އަނެއް ބަޔަކާއި ގުޅުމަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ކަމެއް،" 

އާދަމް ޝަރީފް، އެމްއެންޕީއަށް އެހެން ތުހުމަތެއްވެސް ކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގައި ފަސް މެންބަރުން ތިބޭނެ ކަމާމެދުވެސް ސުވާލު އެބައޮތެވެ. މިހާރުވެސް އޭގެ ކޮޅުމަތި ފެންނަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްއެންޕީއާ ހަތް މެންބަރުން ގުޅުމަކީވެސް އެކަށީގެންވާ ކަމެވެ. ނަމަވެސް އެއީ ޕާޓީގެ ފިކުރުގައި މަސައްކަތް ކުރާނެ މެންބަރުންނަކަށް ނުވާނެ އެވެ. އެ މެންބަރުން ވާނީ ރައީސް ސޯލިހް ފޮނުވައިގެން އެ ޕާޓީއަށްދާ މެންބަރުންތަކަކަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްއެންޕީއަކީ ރައީސް ސޯލިހުގެ ދިފާއަށް އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ.

"އަޅުގަނޑަށް ފެންނަނީ ރައީސް ސޯލިހް އަރުއްވާނެ އިތުރު ގޮޅިއެއް ހޯއްދަވަނީ އޭ. އަދި އެ ޕާޓީއަށް ރައީސް ސޯލިހް ފޮނުއްވާ މެންބަރުން ކޮޅެއް ހުރެދާނެ އޭ. ނަމަވެސް އެއީ ޕާޓީ ފިކުރުގައި އެ ވަތަނީ ވިސްނުމުގައި މަސައްކަތް ކުރާނެ ބަޔަކަށް ނުވާނެ. އެ މެންބަރުންތައް ތިއްބަވާނީ ރައީސް ވިދާޅުވީމަ ވިދާޅުވާ ބަޓަނަކަށް ފިއްތަވާލަން،"

އާދަމް ޝަރީފްގެ އެ ވާހަކަތައް ނާޒިމް ދޮގު ކުރައްވައެވެ. އަދި ސަރުކާރުންވެސް ދޮގު ކުރެއެވެ.

އެެހެންވީމަ ދެން އޮތީ ބަލަން ތިބުމެވެ. މާލަސްތަކެއް ނުވެ އެމްއެންޕީ ރަޖިސްޓްރީ ކުރެވޭނެ އެވެ. މަޖިލީހުގެ މަސައްކަތްތައްވެސް ފެށޭނެ އެވެ. އޭރުން މަޖިލީހުގައި މެންބަރުން އެތުރިފައިވާ ގޮތަށް ބަދަލެއް އަންނަނަމަ އެކަމެއް ސާފުވެ ޔަގީންވާނެ އެވެ. އަދި އެމްއެންޕީ ވަރުގަދަވާ މިންވަރާއި އެ ކަމާއި ގުޅިގެން ސިޔާސީ މައިދާނަށް އަންނަ ފުރޮޅުންތައް ސާފުވާނެ އެވެ. އެކަންކަން މުޅީން ސާފުވާން އަދި ވަގުތު ނަގާނެ އެވެ.