މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ އޮފީސް ހުޅުވައިފި

Jul 29, 2021
1

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޮފީހެއް ހުޅުވައި އެޕާޓީއަށް ވަންނަން ބޭނުންވާ މީހުނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޕީން އޮފީހެއް އިއްޔެ ހުޅުވާފައި ވަނީ ހަދީބީމަގުގައި ހުންނަ ހ. ނޫމަރަކައިގަ އެވެ. އޮފީސް ހުޅުއްވައިދެއްވީ އެމްއެންޕީގެ އެންމެ އިސް ފައުންޑާ އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

އެ ޕާޓީ އަށް ވަންނަން ބޭނުންވާ މީހުނަށް އެ ޕާޓީގެ އޮފީސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. ހުކުރު ދުވަހު އެ އޮފީސް ހުޅުވަނީ 4:00 އިން ރޭގަނޑު 11:00 އަށެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެ ދެދަރި ކޮއްކޮ އަހްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރި ވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

އެމްއެންޕީގެ ފަރާތުން މިނިވަން ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު ނާޒިމް ވިދާޅުވީ އެ ޕާޓީ ހަދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓެއް ނެރުމަށް ކަމަށާއި އެ ޕާޓީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.